ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ޓްރެއިންގ ދެނީ ވަކި ޤައުމަކުންކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ހދ. ކުޅުދުއްފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަންކޮށްފައި އޮތީ، ވަކި އަތަކަށް ގޮސް ބުރަވެ ހުސްވެފައިކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމާއި ބާރުވެރިކަންވެސް ދޫކޮށްފައިވާކަމަށެވެ.
ޤައުމު މިކަމުން ސަލާމަތްކޮށް ޤައުމުގެ މިނިވަންކަން އަލުން ހޯދުމަށް ހުރިހާ ރައްޔިތުންވެސް ޤައުމީ ނަޒަރަކުން މިކަންކަމަށް ވިސްނަވަން މުއިއްޒުވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި މި 5 އަހަރު ނިމިގެން މިދަނީ އެމަނިކުފާނުވެސް، ނައިބު ރައީސްވެސް އަދި ފޮރިން މިނިސްޓަރުވެސް ޕާކިސްތާނަށް ވަޑައިނުގަންނަވައި ކަމަށާއި ރާއްޖެއަކީ އާންމުކޮށް އަރަބި އިސްލާމް ޤައުމުތަކާއި ވަރަށް ގާތްގުޅުމެއް އޮންނަ ބައެއްކަމަށެވެ. އެހެންނަމަވެސް ނިސްބަތުން މި 5 އަހަރު އިސްލާމީ ޤައުމުތަކަށް ކުރި ޒިޔާރަތްތައް މަދުކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މިއޮތީ މުޅިން އެހެން ގޮތަކަށް ބަދަލުވެފައި، އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ އައިޑެންޓިޓީ ފަޚްރުވެރިކަމާއެކު ދިފާޢުކުރާ ބަޔަކަށް ވާން، އަޅުގަނޑުމެންނަކީ އިސްލާމުން، އަޅުގަނޑުމެން ވޭތުވެދިޔަ މާޒީއަށް ބަލާލާއިރު 40 އަހަރު ކުރިން ފެށިގެން ބެއްޔަސް ފެންނަން އޮންނާނީ އިސްލާމީ ޤައުމުތަކުން، ޢަރަބި ޤައުމުތަކުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެހީތެރިކަން ދީފައި އޮތްތަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިހާރު ރާއްޖޭގައި މިއޮތީ ވަރަށް ބީރައްޓެހި ޚާރިޖީ ސިޔާސަތެއްކަމަށާއި މި 5 އަހަރު ނިމިގެން ދާއިރު، ވަކި ޤައުމަކަށް އެއްކޮށް ބަރޯސާވެގެން ހުރިހާ ކަމެއް ސަރުކާރުން އޮތީ ދޫކޮށްލާފައިކަމަށެވެ.
"އަޅުގަނޑުމެންގެ އަމިއްލަވަންތަކަމެއް ނެތް މިހާރަކުއެއް. އިލެކްޝަން ކޮމިޝަނުން ކަމެއް ކުރަން ވިޔަސް، ނޫނީ އެހެން ކޮމިޝަނަކުން ކަމެއް ކުރަން ވިޔަސް، ނޫނިއްޔާމު އެހެން އޮފީހަކުން ކަމެއް ކުރަން ވިޔަސް، ވަކި ބައެއްގެ ކައިރީގައި އަހާފައި ނޫނީ ނުކުރެވޭ، ޓްރޭރިންގ އެއް ދޭންވިޔަސް، މިހާރު ހުރިހާ ޓްރޭނިންގ އެއް ދެނީ ވަކި ޤައުމަކުން، 100 އިން 200 އިން މުވައްޒަފުން އެބަ ފޮނުވަންޖެހޭ ޓްރޭނިންގ އަށް" މުއިއްޒު ވިދާޅުވިއެވެ.
ޓްރޭނިންގ ބޭނުންވާނެކަމަށާއި ޓްރޭނިންގ ދިނުމަކުން މައްސަލައެއް ނެތްކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ މައްސަލައަކީ ޚާރިޖީ ސިޔާސަތު އޮތް ގޮތުން އަމިއްލަވަންތަކަން ގެއްލިފައި އޮތް އޮތުންކަމަށެވެ.
އަދި މިއީ ޤައުމަށް އެންމެ މަސްލަހަތު ބޮޑު ގޮތް އިޚްތިޔާރުކުރަންވީ ވަގުތު ކަމަށާއި އިސްކުރަންވީ މި ހުއްބުލްވަޠަން ސަލާމަތްކުރުންކަމަށާއި އެކަމާމެދު ކޮންމެ ދިވެއްސަކުވެސް ވިސްނަވަން މުއިއްޒުވަނީ އެދިވަޑައިގެންފައެވެ.
"ކޮންމެ ޕާޓީއެއްގައި ހުއްޓަސް ދިވެއްސެއް ނޫންތޯ އަޅުގަނޑުމެން ކޮންމެ މީހަކީ؟ އަޅުގަނޑުމެންނަށް ދިވެހި ޤައުމު މުހިންމެއް ނުވޭތޯ؟ މުއިއްޒު އެއްސެވިއެވެ.
އެހެންކަމުން މުއިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް އިތުބާރުކުރައްވައި އެ ޒިންމާ ހަވާލުކުރައްވައިފިއްޔާ ރައީސް ކަމަށް އައްޔަންކުރާތާ ފުރަތަމަ ދުވަހުން ފެށިގެންވެސް އެކަންކަން ހައްލުކުރަން މަސައްކަތް ފަށްޓަވާނެކަމަށާއި ރައްޔިތުންގެ އެހީތެރިކަމާއެކު އެކަންކަން ކުރަން ފަސޭހަވެގެންދާނެކަމަށެވެ.
ކަލެއަށް ވެރިކަމަށް އާދެވުނީމަ މަސައްކަތްތެރިންނަށް ޓްރޭނިން ދޭނީ ޖައްވަށް ފޮނުވައިގެންތޯ؟