ކޮވިޑް-19: ރާއްޖެއިން އަލަށް ލޯފަން މީހަކު މި ބައްޔަށް ފައްސި ވެއްޖެ

ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ރާއްޖެއިން މިހާރުވެސް ދަނީ ފެންނަމުންނެވެ. އެގޮތުން ރާއްޖެއިން އަލަށް ލޯފަން މީހަކު މި ބައްޔަށް މިވަނީ ފައްސި ވެފައެވެ.
ބްލައިންޑް އެސޯޝިއޭޝަނުން މިކަން ހާމަ ކޮށް ބުނެފައިވަނީ ލޯފަން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން މިއަދު އެނގިފައިވާ ކަމަށާއި މިއީ އެ ޖަމިއްޔާއަށް އެނގިގެން ލޯފަން މީހަކު ރާއްޖޭގައި މި ބައްޔަށް ފައްސިވި ފުރަތަމަ ފަހަރު ކަމަށެވެ.
މިއަދު ބައްޔަށް ފައްސިވީ ލޯފަން މީހާ އަކީ 34 އަހަރުގެ ފިރިހެނެއް ކަމުގައިވެސް އެޖަމިއްޔާއިން ވަނީ ހާމަ ކޮށްފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް އެތައް ބަޔަކު ފައްސިވަމުން ދާއިރު އިއްޔެއާއި ހަމައަށް ރާއްޖެއިން ފައްސިވީ މީހުންގެ އަދަދު މިވަނީ 6،600 އަށް އަރާފައެވެ. އަދި މިބަލީގައި މިހާރު 2.486 މީހަކަށް ފަރުވާ ދެމުން ދާއިރު މިބަލިން ޝިފާ ލިބިފައިވަނީ 4،148 މީހުންނަށެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގައި 26 މީހަކު ވަނީ ނިޔާވެފައެވެ.