ޚަބަރު ސިޔާސީ

މުޅި ވިލިނގިލިން ނިކުމެ ޑރ. މުޢިއްޒަށް ދިނީ މެޖޯރިޓީގެ ޔަގީންކަން!

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ގއ, ގދ, އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ވިލިނގިއްޔަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

Ads by Hajj Corporation

ޑރ.މުޢިއްޒު ވިލިނގިއްޔަށް ފައިބައިވަޑައިގެންނެވިއިރު އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންފައެވެ. އަދި މިފަހަރުވެސް ވިލިނގިލީގެ އަޣުލަބިއްޔަތު މުޢިއްޒަށް ކާމިޔާބުކޮށްދޭނެ ކަމަށް ބުނަމުންދިޔައެވެ. އެ ރަށުން ޕީޕީއެމަށް ގިނަ ބަޔަކު މިއަދު ވަނީ ސޮއި ވެސް ކޮށްފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވިލިނގިލިން މުޢިއްޒަށް ވަނީ މެޖޯރިޓީ ލިބިފައެވެ. ވިލިނގިލިން އެމަނިކުފާނަށް ވަނީ 871 ވޯޓު ލިބިފައެވެ. އެއީ ވޯޓު ލީ މީހުންގެ 52.03 އިންސައްތައެވެ.

ޑރ.މުޢިއްޒުގެ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް އޭނާގެ ވެރިކަމެއްގައި ގެންނަވާނެ ހައްލުތައް އިއުލާނުކުރެއްވުމާއެކު، ބައެއް ސިޔާސަތުތަކުގެ ތަފުސީލުތައްވެސް ހާމަކުރައްވާނެކަމަށް ބެލެވެއެވެ.

މި ދަތުރުފުޅުގައި މިއަދު ގދ. ތިނަދޫ އަދި ފުވައްމުލަކަށް ވަޑައިގަތުމަށްފަހު ޑރ.މުޢިއްޒާއި ކެމްޕެއިން ޓީމު މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އައްޑޫ ސިޓީއަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!