ޚަބަރު ސިޔާސީ

ޒާތީ ގޮތުން ޖައްސާލައިގެން ވާހަކަ ފެތުރިޔަސް، މި ސަރުކާރުން ގޯސްކޮށް ކޮށްފައިހުރި ކަންކަން ބަދަލެއް ނުވާނެ: މުއިއްޒު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާޙަކަ ދައްކަވަނީ، ފޮޓޯ: ޕީޕީއެމް

އެމަނިކުފާޏާ ޒާތީ ގޮތުން ޖައްސާލައިގެން، ދޮގު ވާހަކަ ފެތުރިޔަސް މި ސަރުކާރުން ގޯސްކޮށް ކޮށްފައިހުރި ކަންތައްތައް ބަދަލު ނުވާނެކަމަށް ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫއަށް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުގައި ރޭ ފުވައްމުލަކު ބަނދަރު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދެވަނަ ބުރާ ހަމައަށް އައިއިރު ވާދަވެރި ޓީމުން ކުރި ކަންތައްތައް ރައްޔިތުން ބަލައިނުގަތީމާ، އެމަނިކުފާނާ ޒާތީ ގޮތުން ދިމާކޮށްލައި އެންޓި-ކެންޕެއިން ކުރަމުންދާކަމަށެވެ.

"ޒާތީ ވާހަކަ ދެއްކިއްޔަސް އިންޑިއާ ސިފައިން ނެތް ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިއްޔަސް ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިއްޔަސް އިޤްތިސޯދު އަނދަވަޅަކަށް ވައްޓާލައި ވަކި ޤައުމަކަށް އަޅުވެތި ނުކުރާ ކަމަކަށް ނުވާނެ" މުއިއްޒު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން، ފޮޓޯ: ޕީޕީއެމް

މީޑިއާގައި ފަތުރަމުންދާ ދޮގު ޚަބަރުތަކަށް ނުސީދާ ރައްދެއް ދެއްވަމުން މުއިއްޒު ވިދާޅުވީ ހާސްވާންޖެހޭ ފަދަ އެއްވެސް ކަމެއް ނެތްކަމަށާއި، ޖަވާބު ނުދެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. މިހެން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ބައްޕަގެ މަރަށްފަހު، ދޮންމަންމަ ނުހައްޤުން ޑީޕޯޓުކޮށްލިކަމަށް ބުނެ މީޑީއާގައި ފަތުރަމުންދިޔަ ދޮގު ޚަބަރަށް ނިސްބަތްކުރައްވައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މިހާތަނަށް އައިއިރު އެއްވެސް މީހެއްގް ޙައްޤަކަށް އައިގަނެފައި ނުވާނެކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއްވެސް ދީފައިނުވާނެކަމަށެވެ. އަދި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ނުވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

"އެއްވެސް މީހެއްގެ ޙައްޤަކަށް އަރައި އެއްވެސް މީހަކަށް ދެރައެއް ދީފައި އަނިޔާ ދީފައި ނޯންނާނެ. އެ ކަހަލަ ވާހަކަ ދައްކަވަން އޮތިއްޔާ ބައްލަވަންވީ ރަސްމީ އިދާރާތަކަށް ހުށަހަޅުއްވައިގެން. ރަސްމީ އިދާރާތަކުން ބައްލަވަން ވާނީ އިންސާފުން، ސިޔާސީ ނުފޫޒުން އެއްކިބާވެގެން. އޭރު އެ ހަދާ ހުރިހާ ދޮގުތަކެއް މާ ބޮޑަށް ފަލީހަތް ވެގެން ދާނެއޭ" މުއިއްޒު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން، ފޮޓޯ: ޕީޕީއެމް

މުއިއްޒު ވަނީ އިދިކޮޅުން ކުރަމުން ގެންދަނީ ކެންޕެއިން ނޫންކަމަށާއި އިންތިޚާބަށް ކުރިމަތިލުމަށްފަހު ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން ދެއްވުމަށްކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި ޤައުމުގައި އަދުލުވެރިކަމާއި އިންސާފުވެރިކަން ނޫނި އެއްވެސް ކަމެއް ނުހިނގާނެކަމަށާއި، އެކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by HDC
  1. ަަްްއރ15

    މީހާކުރި ކުށްދެއްކީމަ އެވީ ޒާތީ، ތީ ފެންވަރު. މީނަނޫނި ނެތޭ ކުށެއްނުކުރާ އިންސާނެއްމިދުނިޔެއަކު އަމިއްލަ ހިތުން.