ސިޓީ ކައުންސިލްއަށް ހުއްދަ ނުލިބިގެން މަޑުޖެހިފައި ހުރި މަސައްކަތްތައް އަލުން ފަށާނަން: މުއިއްޒު
މާލޭ ސިޓީ ކައުންސިލަށް ހުއްދަ ނުލިބިގެން ނުނިމި ހުރި ބޮޑެތި ޕްރޮޖެކްޓުތައް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ހުއްދަ ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމުގައި މަސައްކަތްކުރެއްވި ޑރ. މުއިއްޒުގެ ފަހު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ.
އެގޮތުން ބޮޑެތި ޕްރޮޖެކްޓުތައް ހިންގުމުގައި ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން އެ މަސައްކަތްތައް ނުނިމުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ލޭންޑް ޔޫސް ޕްލޭން ފާހެއް ނުވި. ކުންފުނި ރަޖިސްޓްރީއެއް ނުކޮށްދެއްވާ. އެކަހަލަ ބައިވަރު ކަންތައްތައް. ޕާކިން ބިލްޑިންތައް އަޅަން އުޅެ އުޅެ އެކަމަށް ހުއްދައެއް ނުދެއްވާ. މަގު ހެދުމުގެ މަޝްރޫއު ގެންދިޔައީ" މުއިއްޒު ވިދާޅުވިއެވެ.
"އެކަން ދިވާމެފަ ހުރީ ރާއްޖޭގެ ގިނަ ކައުންސިލްތަކަށް. ސިޔާސީ ފިކުރުގަ ދިމާ ނުވާ ކައުންސިލްތަކަށް"
މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނުގެ ވިސްނުން ހުރީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބާރުވެރިކުރުވުންކަމަށާއި، އެގޮތުން އެކަމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދައި، އެލްޖީއޭއިން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ބަލައި، އެކަމަށް ބޭނުންވާ ހުއްދަތައް ދިނުމަށް ލުއި ފަސޭހަ ގޮތެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
"ދެން އިރާދަކުރެއްވިއްޔާ 17 ނޮވެމްބަރަށް ފަހު ފެނިގެންދާނީ މާލެ ސިޓީ ކައުންސިލުން މި ހުއްޓިފަ ހުރި ހުރިހާ ކަމެއް ވެސް އަދި އެހެން ހުރިހާ ކައުންސިލްތަކުން ހުއްދަ ނުލިބިގެން ހުއްޓިފަ ނުހިނގާ ހުރި ކަންކަން ވަރަށް ފަސޭހަކަމާއެކީ ހުއްދަ ލިބިގެން، ސީދާ ރައްޔިތުން އިންތިޚާބުކޮށްފަ ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބިގެންދާ މަންޒަރު" މުއިއްޒި ވިދާޅުވިއެވެ.
"ހަޤީޤީ މާނައިގަ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރެވިގެންދާނެ"
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކެންޕެއިންގެ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ އެކަން ކުރުމަށް ނިޔަތްގަނެގެން ވެލެއްވި ވަޢުދުތަކެއްކަމަށެވެ.
މި ބައްދަލަވުމުގައި އެމަނިކުފާނު ވަނީ މޭޔަރުގެ މަޤާމުގައި ހުންނެވި އިރު ކައުންސިލްގެ މެންބަރުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު މާލެ ސިޓީ ކައުންސިލްގެ ހިންގުމުގެ މަސްއޫލިއްޔަތު ވަނީ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްއާ ޙަވާލުކުރައްވާފައެވެ.