ރާއްޖެއަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން އެމެރިކާ އިން އިލްތިމާސް ކޮށްފި
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން އެމެރިކާ ރައްޔިތުންނަށް އަންގައި ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އެޑްވައިޒަރީއެއް ނެރެފިއެވެ.
ސީޑީސީން ނެރުނު އެޑްވައިޒަރީގައި ބުނީ ރާއްޖެ އަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ކޮވިޑްގެ ހައި ރިސްކު ކެޓެގަރީގައި ހިމެނޭ މީހުން ރާއްޖެ އަށް އެއްގޮތަކަށް ވެސް މި ދުވަސްވަރު ދަތުރު ނުކުރަން އަންގާ ކަމަށެވެ. ސީޑީސީން ވަނީ ރާއްޖޭގެ އެލާޓު ލެވެލް ވެސް ތިނަކަށް މަތިކޮށްފައެވެ.
ކޮވިޑްގެ ރިސްކު ރާއްޖޭގައި މަތިކަމަށާއި އެގޮތުން ރާއްޖޭގައި ކޮވިޑާއި ގުޅިގެން ބަލިވެ ސިއްހީ ފަރުވާގެ ހިދުމަތް ބޭނުން ވެއްޖެ ހާލަތެއްގައި ހިދުމަތްތައް ލިބުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމަށްވެސް ސީޑީސީން ބުނެފައިވެއެވެ.
ސީޑީސީން ވަނީ ރާއްޖެއަށް ކޮންމެހެން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ރާއްޖޭގެ ހެލްތު މިނިސްޓްރީ، ފޮޮރިން މިނިސްޓްރީ އާއި ގުޅައިގެން ރާއްޖެއަށް އެތެރެވުމުގައި ހުރި ގައިޑްލައިންތަކުގެ މައުލޫމާތު ސާފުކޮށް އެ ގައިޑްލައިންތަކަށް ސަމާލުވުމަށް ވެސް އަންގާފައެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނައިރު މިދިޔަ ހަތަރު ވަރަކަށް ދުވަސްތެރޭ 500 އެއްހާ މީހުން ވަނީ ފައްސިވެފައެވެ.