ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ކުރިން، މާލޭގެ މޭޔަރު ހޮވަން ބައި އިލެކްޝަން ބާއްވަންޖެހޭ

އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ކުރިން، މާލޭގެ މޭޔަރުގެ މަޤާމަށް މީހަކު އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ބާއްވަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުގެ މަޤާމުގައި ހުންނެވި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އަންނަ މަހުގެ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ ކުރައްވަވާނެއެވެ. އެއާއެކު މޭޔަރުގެ ގޮނޑި ހުސްވާނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު އޮންލައިން ނޫހަކަށް ވިދާޅުވީ، މޭޔަރު ހޮވުމަށް ބައި އިލެކްޝަން ބާއްވަން އިޢުލާނުކުރާނީ އެލްޖީއޭއިން، އެ މަޤާމު ހުސްވިކަމަށް އެ ކޮމިޝަނަށް އެންގުމުން ކަމަށާއި، މަޤާމު ހުސްނުވާތީ، ބައި އިލެކްޝަނެއް ބާއްވާނެ ތާރީޚަކާ މެދު މަޝްވަރާ ނުކުރެވޭ ކަމަށެވެ.
އަދި މުޢިއްޒު ވެރިކަމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެލްޖީއޭ އިން އެންގުމުން ފަސް ދުވަހުގެ ތެރޭގައި އީސީން އިންތިޚާބަށް އިޢުލާނު ކުރާނެ ކަމަށެވެ.
މުޢިއްޒު ނިންމަވައިފައި ވަނީ، ވެރިކަމުގެ ހުވާ ކުރައްވަންދެން، މާލޭގެ މޭޔަރުގެ މަޤާމުގައި ހުންނެވުމަށެވެ. އެ މަޤާމުގެ ޒިންމާތައް މިހާރު ޙަވާލު ކުރައްވައިފައިވަނީ، މާލޭގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝްއާއެވެ.