ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބޮޑު ބައެއް ހިއްކައިފި

ހުޅުމާލެ-3 ގެ ނަމުގައި ތަރައްގީ ކުރާ ބިމުގެ ބޮޑުބައެއް ހިއްކައި ނިންމައިފިއެވެ.
އާބަންކޯ އިން ބުނީ ފުރަތަމަ މަރުހަލާގެ ބިން ހިއްކުމުގެ 70 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ފުރަތަމަ މަރުހަލާގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ފުރަތަމަ މަރުހަލާގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 22 ގައެވެ. ފުރަތަމަ މަރުހަލާގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ މަރުހަލާގެ ދަށުން 53 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ބިން ހިއްކަނީ މިހާރު ވެސް އޮތް ޗެނަލް ދެމިގެންދާ ގޮތަށް، ދެ ފަޅިއަށެވެ. ސައިޓްއޭގެ މަސައްކަތް ނިމުމާ އެކު ސައިޓް ބީގެ މަސައްކަތް ފަށާނެއެވެ. އާބަންކޯއިން ވަނީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެދިފައެވެ.