މަހަށް ނިކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު މީހާ އަދިވެސް ނުފެނޭ

ކުޑަ އިންޖީނު ދޯންޏެއްގައި އެކަނި މަހަށް ނިކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު އދ. ދަނގެތި، މޫންލައިޓް، ޔޫސުފް އިބްރާހީމް އަދިވެސް ނުފެންނަ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހީމް، މަހަށް ނުކުތީ އޭނާގެ އަމިއްލަ ދޯނީގައި އެކަންޏެވެ. ޔޫސުފްގެ ދޯނި ފެނިފައިވިނަމަވެސް އޭނާ ފެނިފައިނުވެއެވެ.
ޔޫސުފަކީ އޭނާގެ އުމުރުގެ ގޮތުން ދޭތެރެއަކުން ނިދިޖެހޭ މީހެކެވެ. މީގެ ކުރިންވެސް އެކަނި އެގޮތަށް މަހަށް ނިކުމެ އުޅެނިކޮށް ނިދި ޖެހިގެން ދޯނި ފަރަށް އެރުންފަދަ ކަންތައްތައް ދިމާވެފައިވާކަަމަށް ދަނގެތިން މަޢުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޔޫސުފް އިބްރާހީމް ހޯދުމުގެ މަސައްކަތަށް ޑޯނިއާ މަތިންދާ ބޯޓު މިހާރު އެ ސަރަހައްދަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ކަނޑު މަގުން ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.