ހުސްވެފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަނެއްކާވެސް ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހުޅުވާލާފައި މިވަނީ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމަށް މި މަހުގެ އަށްވަނަ ދުވަހު އާއްމުކުރި އިއުލާނަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީއެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލާފައި މިވަނީ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ.
އެޗްއާރުސީއެމްގެ ގާނޫނުގައިވާ ގޮތުން މެމްބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި މެމްބަރަކު އައްޔަން ކުރަންޖެހެއެވެ. އެޗްއާރުސީއެމް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.
މިގޮތުން އެޗްއާރްސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި މެމްބަރު މުއުމިނާ ވަހީދާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހުމަދު ނަޖީބެވެ.
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
ހަމަ އެހެންމެ ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއެކު ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން މި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.