2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް ވީއައިއޭގެ އައު ޓާމިނަލް ނިންމައި ޚިދުމަތްދޭނަން: ޑރ. މުއިއްޒު
![](https://dhen.mv/wp-content/uploads/2023/10/249D2CFD-4EB1-4E5F-B536-BC3980EA479C-850x548.jpeg)
2024 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން އަންނަންވާއިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓާމިނަލް ނިންމައި ޚިދުމަތްދޭން ފައްޓަވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޮޓަލިއާ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖީއެމް ފޯރަމް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބެނީ އެ ދާއިރާގާއި މަސައްކަތްކުރާ މުވައްޒަފުންނާއި، ފަތުރުވެރިން ރާއްޖެ ގެނައުމަށް މަސައްކަތްކުރާ ޓްރެވަލް އޭޖެންސީތަކާއި، ގެސްޓުހައުސްތަކާއި އަދި މުޅި މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެން މަސައްކަތުންކަން ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން ރާއްޖޭގެ މައި އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ނިންމުމަކީ ނުހަނު މުހިއްމުކަމެއްކަމަށާއި އަންނަ އަހަރުގެ ފިނި މޫސުމަށް އެއާޕޯޓު މަޝްރޫޢު ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ޑރ. މުއިއްޒު ވަނީ އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ދާދިފަހުން ސައުދީގެ ސަފީރާ ބައްދަލުކުރައްވައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވީއައިއޭގެ އައު ޓާމިނަލް ނިންމުމަށް އިތުރު 100 މިލިއަން ޑޮލަރުގެ އެހީއެއް ސައުދީގެ ސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގައި ފެއްޓެވި 5 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ 4 ފަރާތެއްގެ ލޯނުގެ އެހީގެ ދަށުންނެވެ. އެއާޕޯޓު ތަރައްޤީކުރުމުގެ މި ބިޔަ މަޝްރޫޢުގައި އާ ރަންވޭއަކާއި، ފިއުލް ފާމަކާއި، ސީޕްލޭން ޓާމިނަލަކާއި ޕެސެންޖާ ޓާމިނަލްގެ އިތުރުން ކާގޯ ކޮންޕްލެކްސްއެއް ހިމެނެއެވެ.
އައު ޕެސެންޖަރ ޓާމިނަލަކީ 7 މިލިއަން ފަތުރުވެރިންނަށް އަމާޒުކޮށް ތަރައްޤީކުރަމުން އަންނަ ޓާމިނަލެކެވެ. މި ބިޔަ މަޝްރޫޢުގެ ދަށުން މިހާރު ނުނިމި ހުރީ ހަމައެކަނި ޕެސެންޖަރ ޓާމިނަލެވެ. ނަމަވެސް ޑރ. މުއިއްޒުގެ އަމާޒަކީ އަންނަ އަހަރުގެ ފިނި މޫސުމަށް މި ޓާމިނަލް ނިންމައި ޚިދުމަތްދިނުމެވެ.