ކޮވިޑް19: ހޮސްޕިޓަލެއްގެ ތެރޭގައި އޫރު ތަކެއް އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން
އިންޑިއާގެ ކަރްނާޓަކާގައި ކޮވިޑް-19 އަށް ފަރުވާ ދޭ ހޮސްޕިޓަލެއްގައި އޫރުތަކެއް އުޅޭ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމު ވެއްޖެއެވެ.
މި ވީޑިއޯ އަކީ އެ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުން އައި މީހެއްގެ އާއިލާ މީހެއް ނަގާފައިވާ ވީޑީއޯ އެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ނަގާފައިވާ މި ވީޑިއޯ އިން ފެންނަ ގޮތުގައި ހޮސްޕިޓަލުގެ ކުނި ހުންނަ ސަރަހައްދުގައި އޫރުތައް އުޅުމަށް ފަހު ވޯޑް ތެރެއަށް ވެސް ވަދެ އުޅެއެވެ.
އެ ހޮސްޕިޓަލުން ފަރުވާ ހޯދި އިތުރު މީހުން ބުނާ ގޮތުގައި އެ ހޮސްޕިޓަލުގެ ވޯޑުތަކުގައި މިގޮތަށް އޫރު ވަދެ އުޅުމަކީ އާންމު ކަމެކެވެ.
ވީޑިއޯ މީސް މީޑިއާ ދައުރުވުމާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ އެ އޫރުތައް ހިފާ ވޯޑުން ނެރެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގިނަ ބަޔަކު އަންނަނީ މިކަމާ މެދު މީސް މީޑިއާގައި ނުރުހުން ފާޅުކޮށް އިންޑިއާގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ކޮވިޑް-19 ފަދަ ބަލިތަކަކީ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ޖެހޭ ބައްޔަކަށް ވުމާއެކު ކޮވިޑަށް ފަރުވާ ދޭ ތަނެއްގައި މިފަދަ ސާފުތާހިރުކަން ކުޑަވުމަކީ ބަލި އިތުރަށް ފެތުރުމަށް ހުޅުވިގެންދާ ދޮރެއް ކަމުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.
މީގެ ކުރިން ޖުލައި މަހުވެސް ވަނީ އިންޑިއާގެ އެހެން ހޮސްޕިޓަލެއްގެ ކޮރިޑޯގައި އޫރުތަކެއް އުޅޭ ވީޑިއޯ އެއް އާންމުވެފައެވެ. އެ ވީޑިއޯގައި ވެސް 50 ވަރަކަށް އޫރު ހޮސްޕިޓަލު ތެރޭގައި އުޅޭ މަންޒަރު ފެނެއެވެ.