ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ތުރުކީގެ ރައީސް އުރުދުޣާން އާއި ޑރ. މުއިއްޒު މަޝްވަރާކުރައްވައިފި
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި އެންމެ ބޮޑު އަމާޒުފަތްގަނޑަކަށް ވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޝްވަރާކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތުރުކީގެ ޑިރެކްޓަރޭޓް އޮފް ކޮމިއުނިކޭޝަންސް އިން ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ ހަނގުރާމައިގެ އެންމެ ފަހުގެ މަޢުލޫމާތު ބަދަލުކުރެއްވިކަމަށާއި މިހާރު ފަލަސްތީނުގެ ހާލަތާއި ގުޅޭގޮތުން ވާޙަކަ ދައްކަވާފައިވާކަމަށެވެ.
އެގޮތުން ތުރުކީވިލާތުން ދަނީ ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންކަމަށާއި އެ ސަރަހައްދުގައި ސުލްޙަ ޤާއިމުކުރުމަށްވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޤައުމުން ކުރަމުންދާ ކަމަށާއި އަދި އެ ކަމަށްޓަކައި އާ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ތުރުކީގެ ރައީސް އުރުދުޣާން އިންތިޚާބީ ރައީސް ހޯއްދެވި ކާމިޔާބީއަށްވެސް މަރުޙަބާ ވިދާޅުވެފައިވާކަމަށްވެސް އެޤައުމުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރޭޓްއިން ހާމަކުރައްވާފައިވެއެވެ.