ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ކޯޓުން އަންގައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ވަކީލުން ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން އަންގައިފިއެވެ.
މިއަދު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މާފުށީ ޖަލަށް ވަޑައިގެންފައެވެ. އެ ބައްދަލުވުން ހަމަޖެހިގެން ދިޔައީ ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ސިޓީއަކުން އެ ބައްދަލުވުން ހަމަޖެއްސުމަށް އަމުރު ކުރުމުންނެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނާއި ވަކީލުންނަށް ބައްދަލު ކުރެވިފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ޖަމީލް ވިދާޅުވީ މި ދުވަސް ދެކެން ޖެހިދާނެ ކަމަށް ހީވެސް ނުކުރައްވާ ކަމަށެވެ.
މީގެއިތުރުން ރައީސް ޔާމީން ޖަލުގައި ހައްޔަރު ކުރުމަށްފަހު އެމަނިކުފާނުގެ އަސާސީ ހައްގަށް އާދޭސް ކުރަން ޖެހޭއިރު އަމީރާއިންނާއި އަމީރުން ރައީސް ޔާމީންގެ ތަރައްގީގެ ތަހުތު ވަޑުވަމުންދާ ކަމަށް ޖަމީލް ވިދާޅުވިއެވެ. ގައުމުގެ ތަރައްގީ އަދިވެސް އޮތީ ރައީސް ޔާމީނާ އެކުގައި ކަމަށާއި އެކަން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރައްވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މިއަދުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށާއި އެމަނިކުފާނު ދައްކަވާ ވާހަކަތަކަކީ ގާނޫނާ ހިލާފު ވާހަކަތަކެއްކަން އެނގިގެން ހިނގައްޖެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.