ޚަބަރު

ފެނަކައާ ގުޅޭ މައްސަލަތަކުގައި މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގި: އޭސީސީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ފެނަކަ ކޯޕަރޭޝަންއާއި ގުޅޭ 75 މައްސަލައެއް މިވަގުތުވެސް ތަޙުޤީޤުކުރަމުންދާކަމަށާއި، މިހާތަނަށް 20 މިލިއަން ރުފިޔާ ހޯދަން އަންގާފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ ކޮމިޝަނުން މިއަދު ވިދާޅުވީ، ތަޙުޤީޤުކުރަމުންގެންދާ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭކަމަށެވެ.

އަދި މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީން އަންގާފައިވާކަމަށްވެސް އޭސީސީން މަޢުލޫމާތުދެއްވާފައިވެއެވެ.

މީގެ އިތުރުން، ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް އެ ކުންފުންޏަށް އަންގާފައިވާކަމަށާއި އެކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާޙުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމަށްވެސް އަންގަވާފައިވާނެކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި، ކުންފުނިން ބަލައި ތަޙްޤީގުކުރުމަށް 6 ކަމެއް މިހާތަނަށް ކޮމިޝަނުން ވަނީ އެކުންފުންޏަށް އަންގާފައިވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޭސީސީން ވިދާޅުވީ، ފެނަކަ ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!