ޚަބަރު

ނަޝީދުގެ ތުހުމަތު މައުމޫނަށް: މަނިކުފާނު ވަނީ 2007ގެ ނިޒާމުގެ ވޯޓު ވެސް އޮޅުވާލާފައި!

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްލާހު ހުށަހަޅުއްވުމާ ގުޅިގެން މައުމޫނު މިރޭ ވިދާޅުވީ ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫނުގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވަނީ އޮޅުވާލައި މަކަރު ހަދާފައި ކަމަށެވެ.

"2007 ގެ ނިޒާމުގެ ވޯޓު ވެސް ކަނޑައެޅިގެން އޮޅުވާލެއްވި. މަނިކުފާނަށް އޮޅުވާ ނުލެވުނީ ހަމައެކަނި 2008ގެ ވޯޓު. އެއިން ވީ ބަލި." ނަޝީދު ވިދާޅުވިއެވެ.

ޖާބިރު ހުށަހެޅުއްވި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައި ވަނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅިފައިވީ ނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާލާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު ރައްޔިތުންނަށް ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިފަދަ އިސްލާހެއް ހުށަހެޅުއްވިއިރު ގާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ބުނާގޮތުން ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. އެއީ 66 މެމްބަރުންގެ ވޯޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!