މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނަސީމް ޕީއެންސީއަށް ސޮއި ކުރައްވައިފި
 
                                                    މިހާތަނަށް މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެންބަރު އިބްރާހީމް ނަސީމް ޕީއެންސީ އަށް ސޮއި ކުރައްވައިފި އެވެ.
މެންބަރު ނަސީމް ޕީއެންސީއަށް ސޮއި ކުރެއްވުމަށް ފަހު ޕާޓީގެ ޗެއާޕާސަން އަބްދުއް ރަހީމް އަބްދުﷲ އަށް އޭނާގެ ފޯމް ވަނީ ހަވާލު ކުރައްވާފަ އެވެ.
ނަސީމް ޕީއެންސީއާ ގުޅި ވަޑައިގަތުމުން މަޖިލީހުގައި މި ވަގުތު އެ ޕާޓީއަށް ނިސްބަތްވާ ފަސް މެންބަރުން ތިއްބަވާނެ އެވެ.
މިގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދާއި ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފަކީ މަޖިލީހުގައި މިހާރުވެސް ޕީއެންސީ ތަމްސީލު ކުރައްވަމުން ގެންދަވާ 4 މެންބަރުންނެވެ.
 
   
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
