މިދުވަސްވަރު ބައެއް ކަންތައްތައް ހުއްޓުވަނީ އެކަންކަމާއި ގުޅޭ މައްސަލަތަކުގެ ތަޙްޤީޤަށް: އޭސީސީ

މިދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް ހުއްޓުވަނީ އެކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތަކާގުޅޭ ތަޙްޤީގުތައް ކުރިއަށްގެންދާތީކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.
އޭސީސީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އެފަދަ ކަންކަން ހުއްޓުވަނީ އެ ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު، އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހްތިމާލު އޮންނާތީކަމަށެވެ.
މީގެ އިތުރުން، އެގޮތަށް އަންގާ އެންގުމަކީ، ވަގުތީގޮތުން އަންގާ އެންގުންތަކެއްކަމަށާއި، ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ އެންގުމަކަށް ބަދަލުގެންނަން ޖެހޭނަމަ، އެ ބަދަލެއް ކޮމިޝަނުން ގެނެސް، އެ އެންގުމެއް ރައްދުވާ ފަރާތަކަށް އެކަން އަންގަމުންދާނެކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.
ހަމައެއާއެކު ވަކިކަމެއް ވަގުތީގޮތުން މަޑުޖައްސާލުމށް އެންގިނަމަވެސް، އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް އެ ކޮމިޝަނުން އަންގާފައިނުވާނެކަމަށާއި، އެ ކޮމިޝަނުން ވަކި ކަމެއް މަޑުޖައްސާލުމަށް އަންގާ މައްސަލަތަކުގެ ތަޙްޤީގުތައް ވީހާވެސް އަވަހަށް ނިންމުމަށް، ކޮމިޝަނުން ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރުމަށް ގެންދާކަމަށްވެސް އޭސީސީން ވަނީ ފާހަގަކުރައްވާފައެވެ.