ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޑްރޯން ރޭހެއް ބޭއްވުމަށް އުރީދޫއިން ތައްޔާރުވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: އުރީދޫ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑްރޯން ރޭހެއް ބޭއްވުމަށް އުރީދޫއިން ތައްޔާރުވެއްޖެއެވެ.

Ads by Hajj Corporation

އުރީދޫއިން މިކަން އިޢުލާނުކުރައްވާފައިވަނީ މި ފެށޭ ޑިސެންބަރު މަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން 2023 އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އުރީދޫ ފަން ރަން 2023 ގެ ޕްރިމިއަމް ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވާ ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ބައިވެރިވެވަޑައިގެންނެވި އެވެ.

ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ހެނދުނު ބާއްވާ މި ހަރަކާތަކީ، ފަން ރަންގް ޕްރިމިއަމް ޕާޓްނަރެއް ކަަމަށްވާ އަދި ރާއްޖޭގައި ޑީޖޭއައި އުފެއްދުންތައް ވިއްކުމުގެ އޮތޮރައިޒްޑް ސެލަރ، ސްޓެބިސިސް އާއި ގުޅިގެން ބާއްވާ ހަރަކާތެކެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒް ވިދާޅުވީ ޑްރޯން ރޭސިން ފަދަ ހިތްގައިމު ކުޅިވަރުތައް ތަޢާރަފްކުރުމުގެ އަމާޒަކީ އުފެއްދުންތެރިކަމާއި ހުނަރު ބިނާކުރުންކަމަށާއި އަދި ހިތްގައިމު މަޖާ ތަޖްރިބާއެއް އެ ކުޅިވަރުތަކުން ލިބިދިނުންކަމަށެވެ.

"އުރީދޫ ފަން ރަންގެ އިތުރު އެޑިޝަނަކަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޑްރޯން ރޭސް - އުރީދޫ ޑްރޯން ރޭސް ތައާރަފްކޮށް، އަޅުގަނޑުމެންގެ ފަން ރަން އުފާވެރިކަމުގެ އާ އުސްމިންތަކަކަށް ގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، 22 ޑިސެމްބަރ 2023 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ހުޅުމާލޭގައި ކުރިއަށްގެންދާ އުރީދޫ ޑްރޯން ރޭހުގެ ސަބަބުން އުރީދޫ ފަން ރަންގެ އުފާވެރިކަމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށްވެސް އުރީދޫއިން ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ޑްރޯން އަށް ޝައުގުވެރިވާ ފަރާތްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށާއި ޑްރޯން ރޭހުގައި ރަޖިސްޓްރީވުމުގެ ތަފްޞީލް އުރީދޫގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެކަމަށްވެސް އުރީދޫ އިން މަޢުލޫމާތުދެއްވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!