ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ، ނަޝީދުގެ މައްސަލަ ކުރިއަށް ނުދާތީ އީވާ ނޫން މެންބަރަކު ރިޔާސަތު ބަލަހައްޓައިގެން ވިޔަސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ކަނޑައަޅައިދިނުމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ. މައްސަލައިގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒްއެވެ.
ޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކު ހުށަހެޅި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މައްސަލައިގެ ނޯޓިސް ހަމަވުމުން އެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ މިދިޔަ މަހު 15 އަށެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުން މަޖިލީހުގެ ގަވާއިދު ހުއްދަކުރަނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ބުނެ މަޖިލީހުގެ އަމީންއާންމު ވަނީ ޖަލްސާ ކެންސަލްކޮށްފައެވެ.
މިކަމާއި ގުޅިގެން އެމްޑީޕީން ވިދާޅުވަނީ އަމީންއާމްމުގެ ނިންމުމަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާއާއި 44 ވަނަ މާއްދާއާ ހިލާފު ނިންމުމެެއް ކަމަށެވެ.
މި މައްސަލައާއި ގުލޭގޮތުން ޑިމޮކްރެޓްސްގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ އިޖުރާއީ ގޮތުން ބަލާއިރު މިއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސާސް ނެތް މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިމައްސަލައިގައި މިއަދު ބޭއްވި ދެވަނަ އަޑުއެހުމުގައި ވަކާލާތު ކުރަން ބޭނުންވި ހުރިހާ ފަރާތްތަކަކުން ވަކާލާތުކޮށް ފަހުބަސް ވިދާޅުވުމަށް ފުރުސަތު ދިނުމަށްފަހު ގާޒީ މަހާޒް ވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށް އިއުލާންކުރައްވާފައެވެ.