މަގުމަތި ފެންނަންވާނީ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި
މަގުމަތި ފެންނަންވާނީ ހުރިހާ ރައްޔިތުންނަށްވެސް އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވެއްޖެއެވެ.
އިއްޒުއްދީން ސްކޫލުގައި ރޭ ކުރިއަށްގެންދިޔަ 66 ވަނަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަންނާނު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކާއި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ޕްރޮގްރާމެއް ހިންގިދާނެކަން އެއީ މީގެ 10 އަހަރު ކުރިން ހިޔާލަށް ގެންނަން ވެސް ދަތިވި ކަމެއް ކަމަށެވެ.
އަދި މަގުމަތި އެންމެންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުން ނަތީޖާ ހާސިލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މީގެ 10 އަހަރު ކުރިން ކުރިއަށް ގެންދަން ފެށި މިފަދަ އެއް ޕްރޮގްރާމަކީ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކަމަށާއި އޭގެ 66 ވަނަ ޕްރޮގްރާމު ނިމިގެންދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުވެފައިވާ ކަމަށް މަންނާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެތަނެއްގައި ގާނޫނު ތަންފީޒުވެފައި އޮންނަވަރު ދައްކުވައިދޭ އެއްޗަކީ މަގުމަތީގައި ޓްރެފިކް ބެލެހެއްޓޭ މިންވަރުކަމަށް ތަޖުރިބާކާރުން ބުނާކަމަށާއި މަގުމަތި ރައްކާތެރިކޮށް، އަމާން ތަނެއްގެ ގޮތުގައި ބޭއްވުން އެއީ ރާއްޖޭގެ ގާނޫނަށް ބޯލަނބާ ރައްޔިތަކު އުޅޭ ތަނެއްގެ ގޮތުގައި ވަޒަންކުރާ މިންގަނޑަށް އަންނާނެ ކަމެއްކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
2019 ވަނަ އަހަރު ހެދި ސްޓްރެޓީޖިކް ޕްލޭންގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ޕްރިއޯރިޓީއަކީ ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުން ކަމަށްވާއިރު، އޭގެދަށުން، ސްކޫލުތަކާއި އެކުގައި މަގުތައް އަދި މުޖުތަމައުގެ އެހެން ބައިވެރިންނާ އެކުގައި ކަނޑުތަކަކީ ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންދާކަމަން ފާހަގަކުރައްވަމުން މަންނާނެު ވިދާޅުވީ، އެ މަސައްކަތުގައި އެންމެ މުހިންމު ބައެއްގެ ގޮތުގައި ފެންނަ ބަޔަކީ ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވި ދަރިވަރުން ކަމަށެވެ.
އެ ދަރިވަރުންނަކީ މި ގައުމަށްޓަކައި، އަ ސިމްބަލް އޮފް ޕްރޮމިސް އެއް ކަމަށާއި މި ގައުމުގެ ރައްކާތެރިކަން މިއަދަށް ވުރެ މާދަމާ ރަނގަޅު ކުރާނެކަމުގެ ޔަގީންކަން ގެނުވައިދޭ ނިޝާންތަކެއް ކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރާއްޖޭގެ މަގުތައް ރައްކާތެރިކުރުމަށް ދަރިވަރުން ކުރާ މަސައްކަތްތަކުގައި ސާބިތުވެ ތިބުމަށާއި ތައުލީމީ ދައުރު ނިމި އަމަލީ މައިދާނަށް ނުކުންނައިރު ވެސް އެކަންކަން ހަނދާނުގައި ބެހެއްޓުމަށް ޑެޕިއުޓީ ކޮމިޝަނަރުވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ.