ނައިބު ރައީސް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އެ މަނިކުފާނުގެ މި ޒިޔާރަތަކީ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންގެ ހާލު ބައްލަވައި ލެއްވުމަށާއި، އެ މުއައްސަސާގެ އިސްވެރިން ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.
އެގޮތުން ނައިބު ރައީސްވަނީ އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެތަނުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި ކުރިޔަށް އޮތްތަނުގައިވެސް ވީހާވެސް ރަނގަޅަށް މަސައްކަތްތައް ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަންނަވައިފައެވެ.