ހަމީދާއި އިމްރާނަކީ ފުލުހުންނަށް އޯގާތެރިވާން އެނގޭ ބައެއް ނޫން: ޝުޖާއު
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ފުލުހުންނަށް އޯގާތެރިވާން އެނގޭ ބައެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ފުލުހުންގެ ވަޒީފާ މެދުވެރިވެގެން ފްލެޓާއި އެޕާޓްމަންޓް ލިބިފައިވާ ފުލުުންނަށް ލިވިން އެލަވަންސް ނުދިނުމަށާއި ބައެއް ބައެއް ފުލުހުންގެ ކޮއްތު ފައިސާ ކަނޑާލަން ނިންމައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ސޮއި ކުރައްވައި އިއްޔެ ނެރުނު އެންގުމާ ގުޅިގެން ކުރި ޓްވީޓެއްގައެވެ.
ޝުޖާއުގެ ޓުވީޓުގައި ވަނީ ފުލުހުންނަކީ އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގަންނަވާ ބޭފުޅުން ކަމުގައި ފާހަގަކޮށްފައެވެ. އަދި މިގޮތަށް ގެއްލިގެންދާ ހައްގުތައް އިދިކޮޅު ވެރިކަމެއްގައި އިއާދަކޮށް ދެއްވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރުގެ ދެންނެވުމުގައި ވާ ގޮތުން އިންޓެލިޖެންސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ޑެސްކް ވަޒީފާތައް އަދާކުރާ މީހުންނާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގައި މަސައްކަތްކުރާ ފުލުހުންނަށް އަންނަ އަހަރުން ފެށިގެން ކޮއްތު އެލަވަންސް ވަނީ ކަނޑާލުމަށް ނިންމާފައެވެ. ކޮއްތު ފައިސާ ކަނޑާލަން ނިންމި ފުލުހުންގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ ފުލުހުންނާއި ޓުއަރިސްޓް ފުލުހުންނާއި އިންޓެލިޖަންސް ޑިޕާޓްމަންޓްގެ ފުލުހުން ހިމެނެއެވެ.
ފުލުހުންގެ ވަޒީފާ މެދުވެރިވެގެން ފްލެޓާއި އެޕާޓްމަންޓް ލިބިފައިވާ ފުލުުންނަށް ލިވިން އެލަވަންސް ނުދިނުމަށް ނިންމާފައިވަނީ ފުލުހުންގެ ވަޒީފާ މެދުވެރިވެގެން ލިބިފައިވާ ތަންތަނުގެ އަގު ހަމަކުރުމަށްޓަކައި މަހުން މަހަށް ދައްކާ ފައިސާއަކީ ކުލީގެ ފައިސާ ކަމަށް ބަލާއި އެ ފަރާތްތަކަށް ލިވިން އެލަވަންސް ދިނުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށް ފުލުހުންގެ އެގްޒެކްޓިވް ބޯޑުން ލަފާ ދީފައިވާތީ ކަމުގައި ކަމަށް އެ ދެންނެވުމުގައި ވެއެވެ.