ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އުވާލައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސްއަށްލަފާ ދެއްވާފައި ކަމަށެވެ.
އެގޮތުން ބަންޑާރަ ނާއިބު ރައީސްއަށް ދެއްވި ލަފާގައި، ވަނީ މިއީ ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލެއްކަން ފާހަގަކުރައްވާފައެވެ. އަދި މި އުޞޫލުގެ ދަށުން މައްސަލަތައް ޙައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ކަން ފާހަގަކުރައްވާފައި ވެއެވެ.
ހަމަ އެހެންމެ ޝަރުޢީ މަރުޙަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި މި ދެންނެވި އުޞޫލުގެ ދަށުން ޙައްލުކޮށްފައިވާ 5 މައްސަލައެއް ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައި ވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުޢީ މަރުޙަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިޢާޔަތް ކުރެއްވުމަކާ ނުލައި، އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ޚިލާފަށް ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މި އުޞޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތަޢައްސުފީކޮށް ޢަމަލު ކުރުމަށް މަގުފަހިވާ އުޞޫލެއް ކަމަށާ، މި އުޞޫލު ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ޚިލާފު ކަމަށްވެސް ބަންޑާރަ ނާއިބު ދެއްވި ލަފާގައި ވެއެވެ.
ސެޓްލްމަންޓް ކޮމެޓީ މިއަދު އުވައިލެއްވިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމައިފައެވެ.
ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގު ކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައި ވާނެކަމަށް އަންދާޒާ ކުރެވެއެވެ.