ރައީސް ޑރ. މުޢިއްޒު އިސްކުރައްވާނީ ރައްޔިތުންގެ މަސްލަހަތު, ސާބިތުވެ މިހުރީ ރައީސާއެކު: ނައިބު ރައީސް ޙުސެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއެކު ސާބިތުވެ ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަން ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންނާއި ޕީޕީއެމްގެ އާއްމު މެންބަރުން ގެންދަވަނީ ރައީސް މުއިއްޒުގެ ސަޕޯޓްކުރައްވާ ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ.
ނައިބު ރައީސް ހުސައިން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަކީ އެމަނިކުފާނު ވެސް ހިމެނޭހެން އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ.
"މިއީ ތިޔަ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ،" ނައިބު ރައީސް ވިދާޅުވިއެވެ.
ހުސައިން އިތުރަށް ވިދާޅުވީ ރައްޔިތުން އިހްތިޔާރުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިުއްޒުގެ ތަސައްވުރު ކަމަށެވެ. އަދި އެމަނިކުފާނު އިސްކުރައްވަނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ކަމުގައިވެސް ވިދާޅުވި އެެވެ.
"ވީމާ މިވެރިކަމަކީ ރައްޔިތުނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން އަރުވަން،" ނައިބު ރައީސް ވިދާޅުވިއެވެ.