ޖާބިރުގެ ވާހަކަތައް އިދިކޮޅުން ހަރުކަށިކޮށް ކުށްވެރިކޮށްފި
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮވިޑަށް ފައްސިވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ވަނިކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އެމަނިކުފާނާއި ގުޅޭގޮތުން ދެއްކެވި ވާހަަކަތައް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރި އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ގައްސާން މައުމޫނަށް، އަބްދުﷲ ޖާބިރު ފޮނުއްވި އޯޑިއޯ މެސެޖުގައި ދައްކަވާފައިވާ ހަޑި ހުތުރު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ދުއާއަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް (ނޣޢވ) އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ފުރިހަމަ ސިއްހަތެއް ދެއްވުމެވެ. އަދި ޕީޕީއެމްގެ ނާއިބް ރައީސް ތ. ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރާއި އެމަނިކުފާނުގެ އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާ ފުރިހަމަ ސިއްހަތެއް މިންވަރު ކުރެއްވުމެވެ،" ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޮވިޑަށް ފައްސި ވެފައިވާކަން އިއްޔެ ހާމަވުމުން، އެމަނިކުފާނު "ވަޅުލުމުގެ ކުރިން ކިނބިގަސްދޮށުގޭ ރެޖިސްޓްރީ ދޭން ވާނެ" ކަމަށް އެމްޕީ ޖާބިރު ވިދާޅުވެފައިވާ އޯޑިއޯއެއް ރޭގެ ވަގުތެއްގައިވަނީ މީސް މީޑިއާގައި އާންމު ވެފައެވެ.
އެއޯޑިއޯ ރައީސް މައުމޫނުގެ ދަރިކަލުން އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ގައްސާން މައުމޫން ވަނީ ޓްވިޓާގައި އެންމެންނަށް ހާމަަކޮށްފައެވެ.
ގައްސާންގެ އެޓްވީޓު ރީޓްވީޓު ކުރައްވަމުން އެމްއާރުއެމްގެ ނައިބު ރައީސާ ނާދިރާ ވިދާޅުވެފައި ވަނީ މިޤައުމުގައި ބަނގުރާ ބޭނުން ކުރުމަކީ އާދައިގެ ކަމެއް ކަމުގައި ފެންނަނީ ޖާބިރު ފަދަ ބޭފުޅުންނާއި ހެދި ކަމަށެވެ.
ޖާބިރުގެ މިއޯޑިއޯއަށް ގިނަ ބައެއްގެ ނުރުހުން ލިބިފައިވީ ނަމަވެސް، އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ ޖާބިރު ދިފާޢުކުރާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ގޮތުން ދިޔާނާ މިއަދު ވިދާޅުވެފައި ވަނީ ގައްސާނު އިސްކުރައްވަނީ ސިޔާސީ ފައިދާ ކަމަށާއި "ބައްޕާފުޅު ދޮށީ އުމުރުފުޅުގައި އަދި އާލާސްކަންފުޅާ އުޅުއްވަނިކޮށް ޖަލުގައި ބަންދުކޮށް ގައްސާނުމެން އަނިޔާ ދެމުން ދިޔައިރު ދިފާއުގައި ނިކުމެ ތިބީ" ދިޔާނާމެން ކަމަށެވެ.