ވެރިކަންކުރާ ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި، މާލޭގެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ 3 މެންބަރުންގެ މަޤާމަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ހުސްވެފައިވަނީ މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ(އަންހެނުންނަށް ޚާއްސަ ގޮނޑި)އެވެ.
މާލޭ މޭޔަރުކަމުގެ މަޤާމު ހުސްވީ، އެމަޤާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމުންނެވެ.
އަނެއް ތިން ދާއިރާގެ ގޮނޑި ހުސްވީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އެބޭފުޅުން އައްޔަންކުރެއްވުމުންނެވެ.
ޕީޕީއެމް/ޕީއެންސީ އިން ބުނީ މި މަގާމުތަކަށް އެ ކޯލިޝަނުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނޮވެންބަރު 30 އިން ފެށިގެން ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
އެ ކޯލިޝަނުން މި މަޤާމުތަކަށް ވާދަކުރާ މީހުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މިމަހުގެ ނުވަ ވަނަ ދުވަހުކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ ތެރެއިން މާލޭ ސިޓީގެ މޭޔަރުކަމާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ކަމަށް ޝައުޤުވެރިވާ މެންބަރުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.
ފޯމު ޕީއެންސީ އޮފީސް ނުވަތަ ޕީއެންސީގެ އީމެއިލް [email protected] އަށް ފޮނުވޭނެކަމަށް ކޯލިޝަނުން ބުންޏެވެ.
މި ޕްރައިމަރީގައި ވޯޓުލެވޭނީ މި މަހުގެ އެކެއްގެ ނިޔަލަށް އެކޯލިޝަންގެ ދެޕާޓީން ކުރެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށްކަމަށް ވެސް ބުނެފައިވެއެވެ.