ރިސޯޓުތަކުން ފައްސިވި މީހުންގެ އަދަދު 26 އަށް އަރައިފި

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރިސޯޓުތަކުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 26 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިހާރު 15 ރިސޯޓަކުން 26 މީހަކު ފައްސިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 11 ފަތުރުވެރިންނާއި 15 މުވައްޒަފުން ކަމަށެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ފުރަތަމަ ފަހަރަށް ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
މީގެ އިތުރުން މިހާތަނަސް ރާއްޖޭގެ 33 ރަށުގައި 58 މީހަކު ފައްސިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 51 ދިވެހިންނާއި ހަތް ބިދޭސީން ކަމަށް އެޗްޕީއޭއިން ބުނެއެވެ.