އައްޑޫ މާރާާމާރީ: ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ފުލުހުން ވިދާޅުވީ މިދިޔަ ހުކުރު ދުވަހާއި އާދިއްތަ ދުވަހު އައްޑޫގައި ހިނގި މާރާމާރީގެ ދެ މައްސަލައިގައި ޖުމްލަ 11 މީހުން ހައްޔަރު ކުރިއިރު، އޭގެތެރެއިން އެކަކު ދޫކޮށްލީ އިތުރަށް އޭނާ ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށެވެ. ފުލުހުން ދޫކޮށްލީ 21 އަހަރުގެ ފިރިހެނެކެވެ. އޭނާ ދޫކޮށްލީ، މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ފުލުހުން ހޯދަމުން ދިޔަ އުމުރުން 29 އަހަރުގެ މީހަކު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި ދެ މާރާމާރީގައި ދެ މީހަކަށް ވަރަށް ބޮޑު ޒަޚަމްތަކެއް ވަނީ ލިބިފައިވާއިރު، އަނިޔާވެ، ހާލު ސީރިއަސްވެފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކަށާއި 30 އަހަރުގެ ފިރިހެނަކަށެވެ.
އެ ދެ މީހުން މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.