ޚަބަރު ޝަރުޢީ ދާއިރާ

ކުށުގެ ރެކޯޑު ސާފުކޮށްދިނުން ޢާންމު ޙާލަތަށް ބަދަލުވެއްޖެ: ޕީޖީ އޮފީސް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މިހަފްތާގައި ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ކަންތައް ފުނިޖެހިފައި އޮތުމަށްފަހު، ހަފްތާ ނިމެންވާއިރަށް، ހުރިހާ ރެކޯޑެއް ސާފުކޮށްދީ ނިމިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޖީ އޮފީހުން މިކަން ހާމަކޮށްފައި މިވަނީ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން، އެ ނިޒާމު ތޮއްޖެހިފައިވާ ކަމަށް މި މަހުގެ 4 ވަނަ ދުވަހު ވިދާޅުވުމަށް ފަހުއެވެ.

ނަމަވެސް ޕީޖީ އޮފީހުން މިއަދު ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް، ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ކަންތައްތައް މިހާރު ކުރިއަށްދާނެ ކަމަށެވެ.

މި ހަފްތާގައި އޮންލައިން ޕޯޓަލުން 5826 ހުށަހެޅުމާއި، އީމެއިލުންނާއި ފޯމުން 236 ހުށަހެޅުމާއެކު، ޖުމްލަ 6062 ކުށުގެ ރެކޯޑު ސާފުކޮށްދީފައިވާ ކަމަށާއި މިއީ، ހަފްތާއެއްގައި ސާފުކޮށްދެވުނު އެންމެ ގިނަ ޢަދަދެއްގެ ކުށުގެ ރެކޯޑު ކަމަށް އެ އޮފީހުން ހާމަކުރެއެވެ.

މި ހަފްތާގައި ކުރެވުނު ތަޖުރިބާގެ އަލީގައި، އޮޓޮމެޓިކުން ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ނިޒާމު ފައްކާކުރެވި، މަސައްކަތްކުރާ ގޮތް ހެދިފައިވުމަކީ މި ނިޒާމަށް އިތުރު ހަރުދަނާ ކަމަކާއި ހަލުއި ކަމެއް ގެނުވި ކަމެއް ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި، ކުއްލިއަކަށް ގިނަ ޢަދަދެއްގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފިނަމަ، ޚިދުމަތަށް ބުރޫ ނާރާނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!