ޚަބަރު

އައްޑޫގައި ފެނުގެ ހިދުމަތް މެދުކެނޑުނީ ތާވަލުކޮށްގެން ކުރަންޖެހޭ މަރާމާތުތައް ނުކުރާތީ: ފެނަކަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފެނަކަ ކޯޕަރޭޝަންއިން އައްޑޫ ސިޓީގައި ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތް މެދުކެނޑުނުތާ 3 ދުވަސްފަހުން، ކުރިޔަށް އޮތް 3 ގަޑިއިރުތެރޭ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް އަލުން ލިބެން ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ފެން މެދުކެނޑެން މެދުވެރިވި މައްސަލަ ހައްލު ކުރެވި، ފެން ޕްލާންޓު މިހާރި ހިނގަން ފަށާފައިވާއިރު، ކުރިަޔަށް އޮތް 3 ގަޑިއިރުތެރޭ ފެނުގެ ޚިދުމަތް އަލުން ދޭން ފެށޭނެ ކަމުގައެވެ.

ފެނަކައިގެ ނޫސް ބަޔާނުގައި ބުނެފައިވަނީ އައްޑޫ ސިޓީއަށް މިދިމާވި ފެނުގެ މައްސަލައަކީ ތާވަލުކުރެވިގެން ކުރާންޖެހޭ މާރާމާތު ކުރުމަށް އިސްކަން ދެވިފައި ނުވާތީއާއި، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިޒާމު އިންސްޕެކްޓްކޮށް، ހައްލުކުރަންޖެހޭ ކަންކަން ހައްލު ކުރުމަށް އަންގަވާ ފޮނުވާފައިވާ ރިޕޯޓަށް، އެ އޮތޯރިޓީން ދީފައިވާ ޓައިމްލައިންއާ އެއްގޮތަށް އަމަލު ކުރެވިފައި ނުވުމުގެ ސަބަބުން ދިމާވި މައްސަލަތަކެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމުގައެވެ.

އޭގެ އިތުރުން ފެނުގެ މައްސަލަ ކުރިމަތިވިތ ކުޑައިރުކޮޅެއްގެ ތެރޭ ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖެއް ގާއިމް ކުރެވިފައި ނުވާތީކަމަށްވެސް ބުނެފައި ވެއެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި މިފަދަ މައްސަލައެއް ދިމާނުވާނެކަން ޔަގީން ކުރުމުގެ ގޮތުން، އައްޑޫ ސިޓީގެ ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ކަމާއި ގުޅުންހުރި ވުޒާރާތަކާއި ގުޅިގެން މަސައްކަތް ކުރާނެކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.

ފެނަކައިންވަނީ ފެނުގެ މައްސަލަ ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިން، އެމްޑަބްލިއުއެސްސީއަށާއި، މޯލްޑިވިއަންއަށް ޝުކުރު އަދާކޮށްފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކައިން ހިންގާ ފެން ޕްލާންޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ފެނުގެ ޚިދުމަތް ގިނަ ވަގުތުތަކަށް މެދުކެނޑުނު މައްސަލާގައި އެކަމުގެ ތަކުލީފު އުފުލަންޖެހުނު ހުރިހާ ރައްޔިތުންގެ އަރިހުން ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ފެނަކައިގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!