ތެލެސީމިއާ ބަލި މީހުންނަށް އާސަންދައިން ހިލޭ ބޯން މެރޯ ފަރުވާ ދޭން ނިންމާ, ހޮސްޕިޓަލެއް އަޅަނީ
ތެލެސީލިއާއަށް ފަރުވާ ދޭ ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ މިހޮސްޕިޓަލް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވަނީ ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަންވެސް ކުރެވޭނެ ފެންވަރަށް ކަމަށެވެ.
ފިރުޒުލް ވިދާޅުވީ، ރާއްޖޭގައި ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް ގިނަ ކަންތައްތަކެއް އަދުގެ ސަރުކާރުން ކޮށްދެއްވުމަށް ރާއްވަވާފައިވާ ކަމަށެވެ. އެގޮތުން ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ތެލެސީމިއާގެ ވަށާޖެހޭ ފަރުވާ ލިބޭ ހޮސްޕިޓަލެއް ގާއިމު ކުރުމަށް ވެސް ނިންމާފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ހޮސްޕިޓަލް އެޅުމަށް 25 މިލިއަން ޑޮލަރު ހޭދަ ކުރަން ވަނީ ނިންމާފައެވެ. ހޮސްޕިޓަލް އަޅާނީ މާލެ ސަރަހައްދު ގައެވެ.
މި ހޮސްޕިޓަލުން ތެލެސީމިއާ ކުދީންނަށް ބޭނުންވާ ހުރިހާ ފަރުވާ އެއް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. ހޮސްޕިޓަލް ހަދާނީ އެކި ފަރުވާއަށް މާލެ އަންނަ ތެލެސީމިއާ ކުދީންނަށް އެ ހޮސްޕިޓަލް ގައި ތިބޭނެ އިންތިޒާމުތަކާ އެކު ކަމަށް ވެސް ވަނީ ބުނެފައެވެ.