ފައިސާ ޗާޕު ކުރުމަށް ދިން މުއްދަތު އިތުރުކުރަން ބޭނުން ނުވޭ: ފިނޭންސް މިނިސްޓަރު
ފައިސާ ހޯދަން ފައިސާ ޗާޕު ކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު މި ސަރުކާރުން ބާތިލުކޮށް ޗާޕު ކުރުން ނިމުމަކަށް ގެނެސްފިއެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތެއް މިހާރު ނެތުމުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ރ. އަދި ބ. އަށް ގެނެވުނު އިސްތިސްނާކުރުން ޖެނުއަރީ 1، 2024 އިން ފެށިގެން ނިމުމަކަށް ގެނެސް އެ ގާނޫނު ފުރިހަމައަށް އިއާދަކުރުމަށެވެ.
އަދި 2024 ވަނަ އަހަރުގެ ބަޖެޓުގެ ފައިނޭންސިން ޕްލޭންގައި ހިމަނާފައިވާ ފަދައިން، އިސްތިސްނާގެ މުއްދަތު ހަމަވާއިރު، ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯވެފައިވާ މިންވަރު އެއްކޮށް ސެކިއިރަޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
ކުރީ ސަރުކާރުން ފައިސާ ޗާޕު ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅައިފައި ވަނީ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށް ބުނެއެވެ.