ޚަބަރު

100 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވާތީ ސަމާލުވާން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

100 ޑޮލަރުގެ ޞައްޙަނޫން ނޫޓު މިހާރު ދައުރުވަމުންދާތީވެ، ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

އެމްއެމްއޭއިން ވިދާޅުވީ، މި ނޫޓުތަކަކީ 1996 ން ފެށިގެން 2016 އާއި ދެމެދުގެ ތާރީޚްގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯރޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓުކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިގޮތުން ޞައްޙަނޫން ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންތައްތައް އެމްއެމްއޭއިން ވަނީ ފާހަގަކުރައްވާފައެވެ.

• ޞައްޙަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން
• ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ކަނާއަތްފަރާތުގައި ފެންނަންހުންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ހިމެނޭ ފެންމަރުކާ (ވޯޓަރ މާރކް) ޞައްޙަ ނޫޓާ ތަފާތުކޮށް ހުރުން
• ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ “USA 100” ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ފެންނަން ނެތުން
• ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެތުން
• ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބަރ ނެތުން
• ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވުން

100 ޑޮލަރުގެ ހުދު ބޯރޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ޞައްޙަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ، އެމްއެމްއޭއަށް ގެނެސް އެ ނޫޓެއްގެ ޞައްޙަ ކަން ޔަޤީން ކުރުމަށް އެމްއެމްއޭއިން އެދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!