ވީ.އައި.އޭގައި އިތުރު ދެ އެފްއެންބީ އައުޓްލެޓު ހުޅުވައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީ.އައި.އޭ)ގެ އިންޓަރނޭޝަނަލް ޓާމިނަލް ގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފް.އެންޑް.ބީ) އައުޓްލެޓް މިއަދު ހުޅުވައިފިއެވެ. މިއަދު މި ހުޅުވުނު އެފް.އެންޑް.ބީ ދެ އައުޓްލެޓް އަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗް.އެމް.އެސް.ހޯސްޓް، އިން ހުޅުވި ދެ އައުޓްލެޓެވެ.
ވީ.އައި.އޭ ޑިޕާޗާރ ޓާމިނަލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ދެ އައުޓްލެޓް ހުޅުއްވައި ދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމް.ޑީ، އާމިރު މަންސޫރު އަދި އެޗް.އެމް.އެސް.ހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރ ސްރަވަން ޕަޓްނައިކެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީއެލްގެ އިސްވެރިންގެ އިތުރުން ގްރޭޕް އެކްސްޕެކްޓޭޝަންސް އަދި އެޗް.އެމް.އެސް.ހޯސްޓްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ވީ.އައި.އޭ އިންޓަރނެޝަނަލް ޑިޕާޗަރ ފޯރކޯޓް ގައި ގޮތް ހަދަން އެމް.އޭ.ސީ.އެލް އިން ނިންމީ މި ސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަތުރުވެރިންނަށް ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައެވެ.
އެމް.އޭ.ސީ.އެލް އާއި ގްރޭޕް އެކްސްޕެކްޓޭޝަން އަދި އެޗް.އެމް.އެސް.ހޯސްޓް އިން ކުރެވުނު މަސައްކަތުން މިއަދު ހުޅުވުނު އައުޓްލެޓްގެ ތެރެއިން ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓްއަކީ އެ ކުންފުނީގެ އަމިއްލަ ބްރޭޑެއްކަމަށްވާ "ދަ ގްރޭޕް" އެވެ. މިއީ އެކުންފުނީގެ މިފަދަ ފުރަތަމަ އައުޓްލެޓް އެވެ. އަދި އެޗް.އެމް.އެސް.ހޯސްޓް މޯލްޑިވްސް މިއަދު ރަސްމީކޮށް ހުޅުވީ ކޭ.އެފް.ސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ. މި ދެ ކުންފުންޏަކީ 2018 އިން ފެށިގެން އެއަރ ޕޯޓުގައި ރެސްޓޯރަންޓް ހިނަގަމުން އަންނަ ދެކުންފުންޏެވެ.
މިއަދު ހުޅުވުނު ދެ އައުޓްލެޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދަކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމް.އޭ.ސީ.އެލްގެ އަބަދުވެސް އަމާޒަކީ ވީ.އައި.އޭއިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ރަގަޅު ހިދުމަތް ފޯރުކޮށްދިނުންކަމަށާއި އަދި މިއަދު ހުޅުވިގެން މިދިޔަ ދެ އައުޓްލެޓުން ދަތުރުވެރިންނަށް ރަގަޅު ޙިދުމަތެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.