ސަންގް ޓީވީ ބަހުސްގައި އެމްޑީޕީގެ އާޒިމް ބައިވެރިނުވާނެ
މާލޭގެ މޭޔަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީން ބާއްވާ ބަހުސްގައި ބައިވެރިނުވާން އެމްޑީޕީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ނިންމައިފިއެވެ.
ސަންގު ޓީވީން ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު އެޕިސޯޑަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބަހުސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީން ބުނީ ސަންގު ޓީވީ އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖައްސާފައިވާ ބަހުސްގައި އާޒިމް ބައިވެރިނުވާނެކަން އެ ސްޓޭޝަނަށް އަންގާފައިވާނެ ކަމަށާއި ސަބަބަކީ ސަންގު ޓީވީ ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑަރޭޓަރެއް ބަހައްޓައިދިނުމަށް އެދިފައިވުމާއެކު ވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމާއި، އިންތިޚާބު އޮންނަ ދުވަސް މިހާ ކުޑަތަންވެފައިވަނިކޮށް ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި ތާށިވުމަކީ ކެމްޕޭނުގައި ދެން ކުރަން ހުންނަ ކަންތައްތަކަށް އަސަރުކުރާނެ ކަމަކަށްވާތީ ކަމަށެވެ.
ސަންގު ޓީވީގެ ބަހުސްގައި ބައިވެރިނުވި ނަމަވެސް އަންނަ މަހުގެ 6 ގައި ޕީއެސްއެމް އިން ބާއްވާ ބަހުސްގައި އާޒިމް ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
މޭޔަރު އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އެވެ. އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމް ވާދަކުރައްވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވެސް މޭޔަރުގެ އިންތިހާބުގައި ވާދަކުރައްވަ އެވެ. މި އިންތިހާބުގައި ދެން ވާދަކުރަނީ ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ.
މާލެ ސިޓީގެ މޭޔަރުގެ އިންތިހާބު އަދި ސިޓީ ކައުންސިލުން ހުސްވެފައިވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހު އެވެ.