ވިޔަފާރި

ގުޅިފައިވާ 7 އިމާރާތް ހުންނަ ޑިޒައިނަކަށް ވިޔަފާރި އިމާރާތެއް ތަރައްޤީ ކުރަން ޗައިނާއާ ހަވާލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލޭގައި ވިޔަފާރި މަރުކަޒެއް ތަރައްގީކުރުމަށް 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by MWSC

ހުޅުމާލޭގެ އާބަން އައިލްގައި ހަދާ މި އިމާރާތްތަކީ 7 އިމާރާތެއް ގުޅުވައިގެން ހަދާ "ސްޕައިން" ނަމަކަށް ކިޔާ ސްޓްރަކްޗަރއެކެވެ.

50 މިލިޔަން ޑޮލަރުގެ މި މަޝްރޫއުގައި ސޮއިކުރީ މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ގާތްގަނޑަކަށް 290،000 އަކަފޫޓުގެ އެ ސަރަހައްދުގެ އިމާރާތްތައް ހަދަނީ 4-3 ފްލޯއަށެވެ. މި އިމާރާތްތައް ފަރުމާކުރާނީ ރާއްޖޭގެ އިހުގެ އިމާރާތްތަކުގެ ފަރުމާކުރުންތައް ވެސް ރަމްޒުވާ ގޮތަށެވެ. މި ޕްރޮޖެކްޓް ނިންމުމަށް ކަނޑައަޅާފައިވަނީ ދެ އަހަރުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ބޭނުމަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ ބޭނުމުގައާއި ޓޫރިޒަމްގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރަށް ވަޒީފާ އުފެއްދުމެވެ. އަދި މާލެ ކައިރިން ވަޒީފާގެ ފުރުސަަތުތައް ފަހިކޮށްދިނުމެވެ.

މި މަޝްރޫއު ނިމުމުން މި ސަރަހައްދު ވާނީ، އެއް ތަނެއްގައި ރާއްޖޭގައި ތަރައްގީކުރެވިފައިވާ އެންމެ ބޮޑު ވިޔަފާރި ޒޯނަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!