ޚަބަރު

ދެ ޤައުމުގެ ސިޔާސަތު އެއްގޮތްވާ ކަންކަމުގައި ޗައިނާގެ އިތުރު އެހީތެރިކަން ލިބޭނެ: ސަފީރު ލިޒިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ރައީސް ޗީ ޖިން ޕިންގެ ސިޔާސަތުތަކާ ރާއްޖޭގެ ތަރައްގީގެ ޕްލޭންތަކާ އެއްގޮތަށްވާނަމަ ރާއްޖޭގެ އިތުރު މަޝްރޫއުތަކަށް އެ ގައުމުގެ އެހީ ލިބޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވަންގް ލިޒިން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ލިޒިން މިހެން ވިދާޅުވީ ޗައިނާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި

ޗައިނާގެ ރައީސް ޝީގެ ރަސްމީ ދައުވަތަކަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި ލިޒިން ވެސް ބައިވެރިވެލެއްވިއެވެ.

އެ އިންޓަވިއުގައި ސަފީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގެ ސަބަބުން އިންފްރާސްޓްރަކްޗާ އާއި ކޮންސްޓްރަކްޝަންގެ ދާއިރާ އާއި ފެހި، ނޫ، އަދި ޑިޖިޓަލް އިގްތިސާދުގެ ދާއިރާ އާއި ފަތުރުވެރިކަމާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އިންފްރާސްޓްރަކްޗާ އާއި ކޮންސްޓްރަކްޝަންގެ ދާއިރާއިން ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރެވޭ. އޭގެ ތެރޭގައި މަގު ހެދުމާއި ސޯޝަލް ހައުސިން އަދި ހޮސްޕިޓަލްތައް ބިނާކުރުން ހިމެނޭ. މިފަދަ ކަންކަމުން އާންމުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބޭނެ. ދެ ވަނަ ކަމަކީ، ނޫ އިގްތިސާދު، ފެހި އިގްތިސާދު އަދި ޑިޖިޓަލް އިގްތިސާދު. ތިން ވަނަ ކަމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ކުޅިވަރުގެ ދާއިރާ ހިމެނޭ،" ވަން ލިޖިން ވިދާޅުވިއެވެ.

އެންމެ މުހިންމީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގޮތުން އޮތް އިތުބާރާއި ބަދަހިގުޅުން ކަމަށް ލިޒިން ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެންމެ އިސްވެރިންނާއެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިކަމަށް ފާހަގަކުރެއްވިއެވެ.

"މި ދަތުރުފުޅުގައި ދެ ގައުމުގެ ވެރިންވަނީ މި ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ސްޓްރެޓެޖިކް ކޯޕަރޭޝަނާއި، ޕާޓްނާޝިޕްގެ ގޮތުން މަސައްކަތް ކުރުމަށް އިއުލާންކޮށްފައި،" ލިޒިން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މީގެ ނަތީޖާއަކަށް ވާނީ ދެ ގައުމުގެ ދެމެދުގައި އެކުގައި މަސައްކަތްކުރުމުގެ ޔަގީންކަން ސިޔާސީ ގުޅުމުގެ ތެރެއިން މިހާރަށްވުރެ އިތުރުވުން ކަމަށެވެ.

ހަމައެއާއެކު ރައީސް ޝީ ޖިން ޕިންގެ ތަރައްގީގެ ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން ކުރިއަށް ގެންދިއުމަކީ، ދިވެހިންނަށް ފައިދާވާ އިތުރު މަޝްރޫއުތައް ހިންގުމާމެދު ގޮތް ނިންމަން އެޅޭނެ ބާރެއްކަމަށް ވެސް ލިޒިން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ހީވަނީ މި ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމުން އަޅުގަނޑުމެންނަށް ނިންމޭނެހެން ދިވެހިންނަށް ފައިދާވާނެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން،" ލިޒިން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!