ކުނިގޮނޑުން ފެނުނު ކުއްޖާގެ މައްސަލައިގައި ހައްޔަރު ކުރި މީހާއަށް ދައުވާކޮށްފި

އދ. ދިގުރަށު ކުނި ގޮނޑުގައި މަރުވެފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލައިގައި ހައްޔަރުކުރި އަންހެންމީހާގެ މައްޗަށް ދަޢުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ދަޢުވާ އުފުލާފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ.
މި މައްސަލައާ ގުޅިގެން ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ޕީޖީ އޮފީހުން ކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ އަދި އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާއެވެ.
ޕީޖީ އޮފީހުން އެ އަންހެން މީހާގެ މައްޗަށް އުފުލާފައިވާ ތިން ދަޢުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 13 އަހަރާއި 28 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.