ޚަބަރު

ނާމްގެ އިސްވެރިންގެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ބައިވެރިވެވަޑައިގެންފިއެވެ.

އެމަނިކުފާނު މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވީ ޔުގާންޑާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ސަމިޓު ކުރިއަށްދަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައެވެ. މި ސަމިޓުގައި އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށް ރައީސުިލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ނާމްގެ 19 ވަނަ ސަމިޓުގެ އިތުރުން "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ސަމިޓުގައި ވެސް އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ޖުމްލަ 120 މެންބަރު ޤައުމު ހިމެނޭ ނާމްގެ މެންބަރު ޤައުމަކަށް 1976 ވަނަ އަހަރު ދިވެހިރާއްޖެ ވީފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ޤައުމެކެވެ.

ދިވެހިރާއްޖެއިން ޖީ77 އެންޑް ޗައިނާގައި ބައިވެރިވީ ވެސް 1976 ވަނަ އަހަރުގައެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުހިންމު ބައެއް މައްސަލަތައް ކަމުގައިވާ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާއި އަދި ޚާއްސަގޮތެއްގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ތަމްސީލުކުރުމާއި އެޤައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމަށް އެޖަމާޢަތުގެ ތެރެއިން އެކި ބައްދަލުވުންތަކުގައި ބައިވެރިވެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!