ޚަބަރު

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީއަށް ދަޢުވާކުރަން ފޮނުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މަޢުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

Ads by MWSC

އޭސީސީން ވިދާޅުވީ، އެކޮމިޝަނުން އިސްނަގައިގެން ބެލި މި މައްސަލާގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައި ޢަބްދުﷲ މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުޢާމަލާތުގެ ތެރޭގައި އޭނާ ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހްޤީޤަށް ހޯދާފައިވާކަމަށެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ ޢާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް އެ ފައިސާ ޖަމާކޮށްފައިވާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

މި މައްސަލާގައި އަބްދުﷲ މަޢުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ، އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދަޢުވާއެއް ކުރުމަށް ވަނީ އެދިފައެވެ.

އަދި މި މައްސަލައިގައި ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި އަނބުރާ ހޯދުމަށް ނިންމާފައިވާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!