ޚަބަރު

ޗައިނާއާއެކުވި އެއްބަވުންތައް އަވަހަށް ތަންފީޒް ކުރަން މަސައްކަތް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުންތައް ވީއެންމެ އަވަހަކަށް ތަންފީޒުކުރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ، އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރ ސުން ހައިޔާން، އެމަނިކުފާނު އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިމަހުގެ 7 އިން 12 އަށް ޗައިނާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ވަނީ 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ތަފާތު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.

ރައީސް އޮފީހުގައި ޗައިނާގެ ވައިސް މިނިސްޓަރާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރި އެއްބަސްވުންތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުންތައް ވީ އެންމެ އަވަހަކަށް ތަންފީޒުކޮށް، އެއްބަސްވުންތަކަށް އަމަލުކުރަން ފެށުމާއި ގުޅޭގޮތުންް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޗައިނާގެ ވައިސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން އެއްބަސްވުންތައް ތަންފީޒުކުރުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ޗައިނާގެ އޮފިޝަލުން ތައްޔާރަށް ތިއްބެވިކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ ތަމްރީންތައް ދިނުމުގައި ޗައިނާއިން އެހީތެރިވެދިނުމަށް ތައްޔާރަށް އޮތްކަމަށްވެސް ވައިސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ތަމްރީންގެ ފުރުސަތުތައް ދިނުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުން ސޮއިކުރި އެއްބަސްވުންތައް އަވަހަށް ތަންފީޒުކުރުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ވައިސް މިނިސްޓަރ ވަނީ ދެ ޤައުމުގެ ދެމެދުގައި ދާދިފަހުން ފެށިގެންދިޔަ ވައިގެ ސީދާ ދަތުރުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޗައިނާގެ އެކި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ބޭއްވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ، އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ސީނިއަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ، ހާރިޖީ ވަޒީރު މޫސާ ޒަމީރު، ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން، އިގްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުހައްމަދު ސައީދު، މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް އަދި ލޯކަލް ކައުންސިލްތަކާބެހޭ މިނިސްޓަރ އާދަމް ޝަރީފް އުމަރު ބައިވެރިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!