ސަރުކާރުގައި ބައިވެރިވާން އުޅުނީ މިނިސްޓަރުކަމާއި ސްޓޭޓްކަން ހޯދާކަށް ނޫން: ހަސަން ލަތީފް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ބައިވެރިވުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ވެގެން ނުދިޔައީ ސަރުކާރުން ޑިމޮޮކްރެޓްސްގެ ސިޔާސަތުތައް ޤަބޫލު ނުކުރުމުން ކަމަށް އެ ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ, ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ކަންކަމުގައި މަޖިލިސް ތެރެއިން އެކުގައި މަސައްކަތް ކުރައްވަން ނިންމަވާފައިވާކަން ހާމަ ކުރައްވަން މިއަދު އެމްޑީޕީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ
ހަސަން ލަތީފް ވިދާޅުވީ, ސިޔާސީ ޕާޓީއަކީ ވަކި ގޮތްތަކަކާއި ސިޔާސަތުތަކެއްގެ މައްޗަށް އެކުލެވޭ ފިކުރެއް ކަމަށެވެ. އެގޮތުން އެ ޕާޓީގައި ވެސް އެ ފިކުރު އޮންނާނެ ކަމަށާއި, ސަރުކާރުގައި ބައިވެރިވާން ކުރި މަޝްވަރާގެ ތެރެއިން އެކަން ސަރުކާރާ ހިއްސާކުރި ކަމަށެވެ. ނަމަވެސް އެ ސިޔާސަތުތައް ސަރުކާރަށް އެއްބަސް ނުވެވުނު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއުޅެނީއެއް އެއް މިނިސްޓަރު ކަމާއި ތިން ސްޓޭޓް މިނިސްޓަރު ކަމަށާއި ފެނަކައިގެ ވަޒީފާ, ރަނގަޅޭ އެކަން ކަންވެސް ބޭނުމޭ, އެކަން ކަމާ އެކީގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ވެސް ތަންފީޒްވާންވާނެ. އަދި ކޮށްގެން ނުވާނެ ކަންކަން ވެސް އެބަހުއްޓޭ. އެކަންކަމަށް އެ ބޭފުޅުންނަށް އެއްބަސް ނުވެވުނީ" ހަސަން ވިދާޅުވިއެވެ.
ހަސަން އިތުރަށް ވިދާޅުވީ, އިންތިޚާބުގެ ކުރިން ވެސް އަދި ފަހުން ވެސް ސަރުކާރުގެ ޕާޓީއާއެކު މަޝްވަރާ ކުރެއްވީ ރައީސް ޑރ. މުޢިއްޒު ކަމު ގޮސްގެން ނޫން ކަމަށާއި އޭރު އެ ފަރާތްތަކުގެ ވާހަކަ ހުރި ގޮތުން ކަމަށެވެ. ނަމަވެސް އޭގެ އަމަލީ ސިފަ ނުފެންނަ ކަމަށް ހަސަން ވިދާޅުވިއެވެ.
"ޑރ. މުޢިއްޒު އޭރު އަޅުގަނޑުމެންނަށް ކަމުދިޔައީއެއް ނޫން. މިހާރު ވަކި ކަމުދާންވީ ސަބަބެއް ނެތް. އޭރު ކަމުދިޔަސް ވެސް ނުދިޔަޔަސް ވެސް, އަޅުގަނޑުމެން އަބަދުވެސް ކަމުުގައި ގޮތް ނިންމަނީ އެވަގުތެއްގައި އެބަޔަކު ކަން ކުރާ ގޮތުގެ މައްޗަށް. ޑރ. މުޢިއްޒު ވިދާޅުވާ ގޮތަށް ކަންކުރާ ކަމެއް ނުފެނޭ" ހަސަން ވިދާޅުވިއެވެ.
ހަސަން އިތުރަށް ވިދާޅުވީ, މިހާރު މިދާ ގޮތަށް ސަރުކާރުގެ ކަންކަން ދާނަމަ ސަރުކާރާ ޑިމޮކްރެޓުން ގުޅޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ހުޅުނބު ދިޔުން ނޫން ކަމެއް ނުވާނެ އިރާދަ ކުރެއްވިއްޔާ ދެން ތިބި މެމްބަރުން ވެސް ސަރުކާރަށް އެއްބާރުލުން ދީ ސަރުކާރާ ގުޅޭނެ އިންޝާ ﷲ