ޚަބަރު

ޓިކެޓް ދޫކުރުމުގައި ރައީސްގެ އިރުޝާދެއް ނޯވެ, ބޭސްފަރުވާއަށް ދިއުމަށް މިމަހުގެ މިހާތަނަށް އެކަނިވެސް 1922 ޓިކެޓު ދޫކުރި: ހީނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް މިމަހުގެ މިހާތަނަށް އެކަނިވެސް 1900އަށްވުރެ ގިނަ ޓިކެޓު ނަގައިދީފައިވާކަމަށް ކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިންގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް އެހީވަނީ ރައީސްގެ އެންގެވުމަށް އާސަންދައާއި އެންސްޕާގެ ތެރެއިން އަބަދުވެސް އެއް އިދާރާއިންކަމަށް މިފަހުން ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ, ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައިދެނީ އެންސްޕާ އަދި އާސަންދައިގެ ތެރެއިންކަމަށެވެ. އަދި ބޭސްފަރުވާއަށް މީހުން ފޮނުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާ ވަކި އުސޫލެއް ނޯންނަކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އެންސްޕާގެ ސީއީއޯ ވިދާޅުވީ، ހިނގަމުން މިދާ ޖެނުއަރީ މަހުގެ 1 އިން 25 އަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް ދޫކޮށްފައިވާކަމަށެވެ. މީގެތެރެއިން %97.2 އަކީ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ދޫކޮށްފައިވާ ޓިކެޓްކަމަށްވެސް ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން އަންނަނީ ބޭސް ފަރުވާއަށް އެއް ޤައުމަކަށް ބަރޯސާވުން ކުޑަކުރުމަށް މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން ޔޫއޭއީއާއި ތައިލެންޑަށް އާސަންދަ ފުޅާކޮށް, އާސަންދައިގެ ތެރެއިން އެކޮމަޑޭޝަން ހަމަޖެހޭނެ އުސޫލެއް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!