ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ކޮންގްރެސް ޕާޓީގެ މަޖިލިސް ޕްރައިމަރީގައި 227 ވޯޓު ފޮށި ބަހައްޓާނެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން މާދަމާ ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި މާލެ އާއި އެކި ރަށްރަށުގައި 227 ވޯޓުފޮށި ބަހައްޓަން ނިންމައިފި އެވެ.

Ads by MWSC

މިކަން ހާމަކޮށް އެ ޕާޓީން މިއަދު ބުނީ މާދަމާ ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި 73 ދާއިރާއެއްގެ ވޯޓުލުން އޮންނާނެ ކަމަށެވެ.

އެގޮތުން މާދަމާގެ އިންތިޚާބުގައި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން ހާމަކުރެއެވެ. އެއް ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކުން ޕްރައިމަރީއާ ނުލާ އެ ޕާޓީގެ ޓިކެޓު ވަނީ 13 ފަރާތަކަށް ކަށަވަރުވެފައެވެ.

ކޮންގްރެސް ޕާޓީން ބުނީ ވޯޓުލުން ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 5:00 އަށް ކަމަށެވެ.

އެ ޕާޓީގެ މަޖިލިސް ޕްްރައިމަރީގައި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ވޯޓުފޮށިތައް ހުންނާނީ ހެންވޭރު ދަނޑުގައެވެ.  އަދި މާލެ ސަރަހައްދުގެ މީހުންގެ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައެވެ.

ވޯޓުލުން ނިމުމުން ކޮންމެ ފޮއްޓެއް ކައިރީގައި ވެސް ނަތީޖާ އިއުލާނު ކުރެވޭނެ ކަމަށް އެ ޕާޓީން ހާމަކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ކޮންގްރެސް ޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަ ކުރާނެއެވެ. ތިން ދާއިރާއަކަށް އެ ކޯލިޝަނުން ވާދަ ނުކުރާނެއެވެ. އެ ތިން ދާއިރާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާ މާމިިގިލި ދާއިރާއާއި، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުޙައްމަދު ވާދަކުރައްވާ ދ. މީދޫ ދާއިރާއެވެ.

ކޮންގްރެސް ޕާޓީގެ މަޖިލިސް ޕްރައިމަރީ މާދަމާ ބާއްވަން ހަމަޖެހިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!