ޚަބަރު

ސަރުކާރުން ވަޒީރުންނަށް ރުހުންދޭން ޕާޓީއަށް މަޖުބޫރެއް ނުކުރެވޭނެ: ޑިމޮކްރެޓްސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވަޒީރުންނަށް ރުހުން ދިނުމަށް މަޖުބޫރު ކުރުމަށް ހިންގާ އަމަލުތައް ނުހިންގަން ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

Ads by MWSC

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި އެ ޕާޓީއާއެކު މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިން މިއަދު ވަނީ ނިންމާފަ އެވެ. އެއާއެކު ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ މިއަދު ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ގެންދިޔަނުދީ ހުއްޓުވާފަ އެވެ.

ޑިމޮކްރެޓްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ވަޒީރުންނަށް ރުހުންދިނުމާ މެދު މަޖިލީހުގެ މެމްބަރުން ނިންމާ ގޮތަކަށް އެ މެމްބަރުން ވޯޓު ދިނުމަކީ އެ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތް ނޫން ގޮތަކަށް މެމްބަރުން ވޯޓް ދޭނަމަ، ޖަލްސާއަށް ހުރަސްއެޅުމަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ހުރަސް ހުރަސްއެޅުން ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް މިއަދު ހެނދުނުން ފެށިގެން އެތަކެއް ފަހަރެއްގެ މަތިން މަސައްކަތްކުރި ނަމަވެސް، ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަމަށް ހުރަސްއެޅުމުގެ ސަބަބުން ގާނޫނުއަސާސީގައި ވާގޮތަށް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކުރިއަށް ގެންދެވޭގޮތް ނުވުމަކީ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ މަސްއޫލިއްޔަތެއް އުފުލުމަށް ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ގަސްތުގައި ކުރި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް ބުނެފައިވެ އެވެ.

"ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖްބޫރުކުރުމަށް ހިންގާ މިފަދަ އަމަލުތައް ނުހިންގުމަަށް މި ޕާޓީން ގޮވާލަމެވެ،" ޑިމޮކްރެޓްސް އިން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ތިއްބަވާއިރު އެމްޑީޕީން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށެވެ. އެމްޑީޕީއާއެކު މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސްއިން ނިންމާފައިވަނީ އޭޖީ އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.

ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން މަސައްކަތް ކުރިއިރު އެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް އެ ޖަލްސާ އަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ހުރަސްއަޅައި ޖަލްސާ ކުރިއަށް ގެންދިޔަނުދީ ހިފަހައްޓާފަ އެވެ.

މަޖިލީހުގެ އިދާރާ އިން މިހާރު އަންނަނީ މި ޖަލްސާ މިރޭ ކުރިއަށް ގެންދަން މަސައްކަތް ކުރަމުންނެވެ.

Ads by HDC
  1. އެމްޑީޕީ ބޮޑު ގުންޑާއިން