ޑރ. ޝަހީމްގެ ތުހުމަތެއް: ރައީސް ޞާލިޙް އުޅުއްވަނީ ދީން ބަލިކަށިކޮށްލަން

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަސައްކަތް ކުރައްވަމުން ގެންދަވަނީ ދީން ބަލިކަށިކޮށްލަން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިިހެން ވިދާޅުވީ, އެމަނިކުފާނަށް ރުހުން ނުދޭން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިއަދު ނިންމާފައިވަނިކޮށެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވެފައި ވަނީ ރައީސް ޞާލިޙް ނޫނީ ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކޮށްލަން މަސައްކަތް ކުރި ވެރިޔަކު ރާއްޖޭގައި ނެތް ކަމަށެވެ.
"ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސައްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ޞާލިޙު ނޫނީ ރާއްޖެ ދެކެފައި ނުވޭ." މިއަދު ކުރެއްވި ޓްވީޓްގައި ޝަހީމް ވިދާޅުވިއެވެ.
މިއަދުގެ ވޯޓުގައި ޝަހީމަށް ރުހުން ނުދޭން ފެންނަ ކަމަށް ފާސްވީ 31 މެމްބަރުންގެ ވޯޓާއެކުއެވެ. ރުހުން ދޭން ފެންނަ ކަމަށް 30 މެމްބަރުން ވޯޓް ދިން ނަމަވެސް ފާސް ވާން 35 މެމްބަރުންގެ ވޯޓް ބޭނުންވެއެވެ.
ޝަހީމްގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރަށް ވެސް ރުހުން ނުދޭން މިއަދު ވަނީ ފާސްކޮށްފައެވެ.
ޝަހީމު ތީ މުޅި އިސްލާމްދީންތޯ؟