Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚިޔާލު

ރައްޔިތުންގެ ތަޅުމުގައި ގުގުމަން ޖެހޭ ވާހަކައަކީ ސަބާ މިދައްކާ ވާހަކަތައް ނޫންތޯ؟

ރައްޔިތުންގެ ތަޅުމުގައި  ގުގުމަން ޖެހޭ ވާހަކައަކީ ސަބާ މިދައްކާ ވާހަކަތައް ނޫންތޯ؟

ދިރާސާތަކުން ދައްކާގޮތުން މަސްތުވުމަށް ކުދިން / ޒުވާނުން ހުށައެޅުމުގެ ކުރިން އެކުދިން އެކަމުން ސަލާމަތްކުރުމަށް ހޭދަ ކުރާ ކޮންމެ 1 ރުފިޔާ އިން ފަރުވާ އަށް ހޭދަ ކުރަން ޖެހޭ 4 ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވެއެވެ.

މި މައްސަލަ އާއި މެދު ވާހަކަ ދައްކާ ގިނަ މީހުން އާއްމުކޮށް ދައްކައި އުޅެނީ މިކަމުގެ ސަޕްލައި ހުއްޓުވާ ވާހަކައެވެ. ޖަލުތަކުގައި ތިބީ މުޅިންވެސް ބޭނުންކުރާ މީހުން ކަމާއި އެތެރެކުރާ މީހުންގެ ބާރުގަދަ ވާހަކައެވެ. ސަބާ ގަބޫލުކުރަނީ ސަޕްލައި ހުއްޓުވަން ކުރާ ހޭދަ އަށް ވުރެ ކާމިޔާބު ގޮތަކީ ޑިމާންޑް ނައްތާލަން ކުރާ ހޭދަކަމަށެވެ.

  • އަޔަލަންޑް އަދި ނޯވޭ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ޑްރަގްސްގެ ބަލިމަޑުކަން ކުޑަކުރީ ގާއިމުވެފައިވާ "އިންކްލިއުޝަނަރީ ހެލްތް" ނިޒާމާއި ސޯޝަލް ސޭފްޓީ ނެޓް (މީހުން ފަގީރުކަމުގެ ސަބަބުން އިތުރަށް ހާލުގައި ޖެހުމުގެ ކުރިން މީހާ ހިފާ ދާގަނޑު / އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު) ގެތެރެއިންނެވެ.
  • ނޯވޭ އަކީ، ޕަބްލިކް ހެލްތް މައްސަލައެއްގެ ގޮތުގައި ދެކިގެން ޑްރަގްސްގެ މައްސަލަ ކުޑަކުރަން މަސައްކަތް ކުރާ ގައުމެކެވެ. މިގައުމުތަކުގައި ބަލަނީ ޒުވާނުން ކުށްވެރިކޮށް ބާކީ ނުކޮށް ފަރުވާ ދިނުމަށާއި، އަދި މިކަމަށް ހުށައެޅުމުގެ ރިސްކު އޮތް މީހުންނާއި ކުދިން މިކަމުން ކުރިން ސަލާމަތްކުރަން ހަދަންޖެހޭ ސިޔާސަތުތައް އެގައުމުތަކުގައި ހުރެއެވެ.
  • އެގައުމުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، ފަރުވާއަށްފަހު އަނބުރާ މުޖުތަމައަށް ނިކުތުމަށް ބޭނުންވާ އެހީތެރިކަން ލިބެއެވެ. މިސާލަކަށް، ވަޒީފާ ހޯދުމާއި، ގެދޮރުގެ ޔަގީންކަން ހޯދައި ދިނުން. (ފަގީރުކަން ނައްތާލުން)

މީގެ ކުރިން ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ނުފެންނަ ފަދަ ތަފާތު ކަމެއް އެމް.ޑީ.ޕީ ގެ ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާ އަށް ވާދަ ކުރައްވާ މުހައްމަދު ސަބްރީގެ ކެމްޕެއިން ފާހަނގަވެގެން ތަންކޮޅެއް ބޮޑަށް އޭނާ ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނީމެވެ. އޭނާ ދައްކަނީ މުޅި ރާއްޖެއަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެއްގެ ވާހަކައެވެ. މަސްތުވާތަކެތީގެ މައްސަލަ މިހާރު އެޕިޑެމިކް ނުވަތަ ބަލިމަޑުކަމެއްގެ މިންވަރަށް ދަރަޖަވެފައިވާ އިރު އަޅުގަނޑުމެންގެ ކުދިކުދި މުޖުތަމައުތަކާއި އާއިލާތައް މިކަމުގެ ގިލަންވެރިކަމުގައި ހަޔާތް ހޭދަކުރާތާ އެތަކެއް ދައުރެއްވެ ދިޔައީ ކީއްވެކަމާ އެކަމާ މެދު މިހާރު ކުރަން ޖެހިފަހުރި މަސައްކަތްތަކުގެ ވާހަކައެވެ.

Advertisement
HDC — Sidebar (box)

"ވަށާޖެހޭ ފަރުވާގެ ނިޒާމޭ ބުނުމުގެ ވާހަކަ އަކީ ތައުލީމާއި ބެހޭ ކަންކަން މަޖިލީހުގައި ނިންމައި ބަހުސްކޮށް ހަދާ އިރު އެބަ ޖެހޭ، މަސްތުވާތަކެތީގެ ވާހަކަ އޭގެތެރޭ ހިމަނަން. ގެދޮރުގެ ވާހަކަ ދައްކާ އިރު އެބަޖެހޭ މިކަމާއި ގެދޮރުގެ ދަތިކަމާއި ކުރި ގުޅުމުގެ ވާހަކަ ދައްކަން. ނަފްސާނީ ފަރުވާގެ ވާހަކަ ދައްކާ އިރު އެބަޖެހޭ އޭގެތެރޭގައި މިވާހަކަ ހިމަނަން. ކުދިންގެ ހެދިބޮޑުވުމާއި،ގުޅުންހުރި ކަންކަން ނިންމާއިރު އާލީ އިންޓަވެންޝަން މިސާލަކަށް އެބަޖެހޭ އިސްކަންދޭ ކަމަކަށް ވާން"

[caption id="attachment_211108" align="alignnone" width="690"] ސަބާގެ ކެންޕެއިން ޕޯސްޓަރެއް[/caption]

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް މިހާރު ވަނީ މަސްތުވުމަށް ދެވިހިފުމަކީ ނަފްސާނީ ސިއްހަތަށް ކުރިމަތިވާ ކަމެއް ކަމުގައި ކަނޑައަޅާފައެވެ. ހަމަ މިއާއި އެކު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މި މައްސަލަ ހައްލު ކުރަން ހިފަނީ ސިއްހީ ނިޒާމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ވަރުގަދަ ކޮށްގެންނެވެ. މިހާތަނަށް މި މައްސަލަ އަށް އެދެވޭ ހައްލެއް ގެނެވިފައިވާ ގައުމުތަކުން ނަތީޖާ ހާސިލުކުރީ މި އެޕްރޯޗަށް މަސައްކަތްކޮށްގެންނެވެ.

"މިކަމުގެ ތެރޭގައި ތާށިވެ މުޖުތަމައިން އެކަހެރިވެފައިވާ ކުދިންނާއި ޒުވާނުން ކުށްވެރިކޮށް، ބާކީކޮށް ޖަލު ގޮޅިތަކަށް ލައިގެން މިކަން ހައްލު ނުކުރެވޭނެ. ޖަލުން ނިކުންނަ އިރަށް އަލުން ރިލެޕްސް ވަނީ އެހެންވެ. ފަރުވާ ނުލިބޭތީ. ހާއްސަކޮށް އިންޑިވިޖުއަލް އެސެސްމެންޓް ހަދައި އެމީހަކަށް ބޭނުންވަނީ ކޮން ބާވަތެއްގެ ތެރަޕީއެއްތޯ ދަނެގަތުން މުހިންމު. ބައްލަވާ މިދިޔަ 20 އަހަރުތެރޭ ގޭންގުތަކާއި ކުށްކުރާ ކުޑަކުދިންނާއި ޒުވާނުން އިތުރުވެއްޖެ. އެމީހުން މައިތިރިކުރުމަށް އަޅުގަނޑުމެން ޕޮލިސް ބޮޑުކޮށްފީމު. ޑްރަގް ކޯޓު އުފައްދައިފީމު. ކުޑަކުދިން ކުށްކުރާތީ ޖުވެނައިލް ޖަސްޓިސް އުފައްދައިފީމު. ނަމަވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އަދި ވިއްކުމާއި ބޭނުންކުރާ މިންވަރު ވީ މަތި. މިއީ ވަރަށް ސީރިއަސް ކަމެއް"

އެހެން ގައުމުތަކުން ވެސް ނަތީޖާ ހާސިލު ކުރި ފަދައިން އަޅުގަނޑުމެން ވެސް އެދެނީ މަސްތުވުމަށް އޮތް ޑިމާންޑް ނައްތާލުން ނުވަތަ ކުޑަ ކުރެވުމެވެ. ޖުވެނައިލް ކުށްތައް ގިނަވަމުން އަންނަ މި ދަނޑިވަޅުގައި ހާއްސަކޮށް ކުދިންގެ ރައްކާތެރިކަމަށް ސަމާލުކަން ދެވި، މިކަމަށް އެދެވޭ ހައްލެއް ލިބުމެވެ.

ސަބާ އަކީ މަސްތުވާތަކެއްޗަށް ދެވިހިފުމާއި އޭގެ ފަރުވާ އާއި ގުޅޭ ދާއިރާއިން ތައުލީމު އުނގެނި އަދި 17 އަހަރުގެ ތަޖުރިބާ މިކަމުގެ ފަރުވާ ނިޒާމުގެ ތެރޭގައި ހޭދަކޮށްފައިވާ މީހެކެވެ. "ފަރުވާ ހޯދާ މީހުންގެ 99 އިންސައްތަ މީހުން ރިލެޕްސް އެބަވޭ. ސަބަބަކީ ފަރުވާގެ ނިޒާމު ދޯހަޅިކަން. އަޅުގަނޑުމެން ވާނީ މިދިޔަ ދައުރުގައި މެތަޑޯން ފަރުވާ ތައާރަފްކޮށްފައި. އަދި މި މަސައްކަތް ކުރަމުން އައީ ވެސް ސިއްހީ ވުޒާރާގެ ދަށުން. ދެން، ފަރުވާ އަކީ އެއްބައި. އަޅުގަނޑުމެން އެބަ ޖެހޭ ފެށުމުގެ ކުރިން ހުއްޓުވަން ވެސް. އަދި ހަމަ އެއާއި އެކު ފަރުވާގެ ނިޒާމު ވަށާޖެހޭ ނިޒާމަކަށް ބަދަލުކޮށް، އާއިލީ ދުޅަހެޔޮކަމާއި، ސްކޫލުތަކުގެ ރައްކާތެރިކަމުގެ ތެރެއިން ރަނގަޅު ބަދަލެއް ގެނެވިދާނެ މިހާރުވެސް"

އަޅުގަނޑުމެން އެދެނީ ސަބާ މިދައްކާ ބީދައިން މި ވާހަކަ ދައްކާނެ ގިނަ ބައެއް އުފެދުމެވެ. އަދި އެދެނީ މަޖިލީހުގެ ތަޅުމާއި ހަމައަށް މިވާހަކަ ގެންދިޔުމެވެ. ސަބާގެ ހިތްވަރާއި މަސައްކަތަށް ހާސް ޝުކުރެވެ!

އެޑިޓަރުގެ ނޯޓް: މިއީ މި ނޫހުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ދޫކުރާ ޕެކޭޖްގެ ތެރެއިން ގެނެސްދީފައިވާ ލިޔުމެވެ. މި ލިޔުމުގައި ހިމެނޭ ޚިޔާލުތަކާއި ވާހަކަތަކަކީ މި ނޫހުގެ އެޑިޓޯރިއަލް ޕޮލިސީއެއް ނޫނެވެ. މަޖިލިސް އިންތިޚާބުގެ ޕްރޮމޯޝަނަލް އާޓިކަލް ގެންނަން ބޭނުންނަމަ 7738989 ގުޅުއްވާ މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް