އިއްޔެގެ އެއްވުމާއި ގުޅިގެން ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފި
އިއްޔެ ހަވީރު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން އިސްނަގައިގެން މާލެ ސަރަޙައްދުގައި ބޭއްވި ސައިކަލް ބުރާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ޝުޖާއު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ރޭ 19:00 އަށް ޝަހީދު ޙުސެއިން އާދަމް ބިލްޑިންގ އަށެވެ.
ފުލުހަށް ހާޒިރުވުމަށް އަންގާ، ފޮނުވާފައިވާ ޗިޓުގައި ފުލުހުން ބުނެފައިވަނީ ޝުޖާއު ހާޒިރު ކުރެވެނީ ދިވެހިރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވާތީ އާއްމު ތަންތަނަށް މީހުން އެއްވެ އުޅުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަވާފައިވާ އެންގުން ތަކާއި ޚިލާފަށް އިއްޔެ ހަވީރު 16:00 އިން ފެށިގެން ގިނަ އަދަދެއްގެ ބަޔަކާއެކު، އެއްވެ އުޅުނުގެ ޤާނޫނާއި ޚިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާތަކެއްޗާއި މަގުހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހަޅޭލަވަމުން މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވައި، އެއްވުމުގައި ބައިވެރިކުރި އާއްމު ރައްޔިތުންނާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވި ފަރާތްތައް ސިއްޙީ ގޮތުން ނުރައްކަލަކަށް ހުށަހެޅޭނެ ގޮތަށް އިޖުތިމާޢީ ގައިދުރުކަމާއި މާސްކު އެޅުމެއްނެތި އެއްވުމުގެ ޤާނޫނާއި ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި އެއްވުމެއް ބޭއްވި މައްސަލައިގައި ކަމަށެވެ.
ޝުޖާއުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އެއްވުމުގައި ބައިވެރިކުރި އާއްމު ރައްޔިތުންނާއި އެއްވުމުގައި ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވި ފަރާތްތައް ސިއްޙީ ގޮތުން ނުރައްކަލަކަށް ހުށަހެޅޭގޮތަށް އިޖުތިމާއީ ގައިދުރުކަމާއި މާސްކު އެޅުމެއްނެތި އެއްވުމުގެ ޤާނޫނާއި ޚިލާފަށް އެއެއްވުމުގައި ، މަގުތަކުގައި ހަޅޭލަވަމުން ސައިކަލުދުއްވި އިސްމީހެއްގެ ގޮތުން ހަރަކާތްތެރިވެ، އެއްވުމުގެ ބައިވެރިންނަށް ހިތްވަރުދެއްވި ކަމަށެވެ.
ކޮވިޑްގެ މިހާލަތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފުވެގެން ކަމަށް ބުނެ ޝުޖާއު ފުލުހަށް ހާޒިރު ކުރާއިރު މީގެ ދުވަސްކޮޅެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ލިޔުއްވި "ދެ ރަދުން" ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ސިޔާސީ އެހެން ބައެއް ބޭފުޅުން ވެސް މާސްކު ނާޅާ، އިޖުތިމާއީ ގައިދުރުކަން ވެސް ނުބަހައްޓާ ރައީސް ނަޝީދު އަރިހުގައި ތިއްބެވިކަން ފާހަގަ ކުރެވެއެވެ. އެދުވަހު ޚުދު ރައީސް ނަޝީދު ވެސް އިންނެވީ މާސްކު ނާޅުއްވައެވެ.
މީގެއިތުރުން ރޭ ހެންވޭރު ސަންލީޓު ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާ ބަލަން ވެސް ގިނަ ބަޔަކު މާސްކު ނާޅާ، އިޖުތިމާއީ ގައިދުރުކަން ވެސް ނުބަހައްޓާ ތިބިކަން ފާހަގަވެއެވެ. ނަމަވެސް މިކަންކަމާއި ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ވާހަކައެއް ފުލުހުން އަދި ވިދާޅެއް ނުވެއެވެ. އެސުވާލުތައް ނޫސްވެރިން ކުރުމުން ވެސް އަދި ވަކި ޖަވާބެއް ނުދެއްވައެވެ.