ބީއެމްއެލް ލޯނުތައް ދެއްކުން އިތުރު ތިން މަހަށް ފަސްކޮށްދީފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނާއި ފައިނޭންސިން އަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިނުވާ މީހުންނަށް މުއްދަތު އިތުރުކޮށްދީ، ލޯނަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި އާ ފުރުސަތެއް ދިނުމަށް ނިންމައިފި އެވެ.
ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާދެއްކުން ފަސްކޮށްދީފައިވާ ގިނަ ކަސްޓަމަރުންނަށް ދީފައިވާ ހަ މަސްދުވަހުގެ މުއްދަތު މިހާރު ހަަމަވެފައިވާ ކަމަށާއި އެހެންކަމުން ކަސްޓަމަރުންނަށް ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި ގޮތުން ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް މި ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ފުރުސަތު ލިބޭނީ މިހާރުވެސް މޮރަޓޯރިއަމް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން މި ދެންނެވި މަސްތަކުގައި ފައިސާދައްކަންޖެހޭ ކަސްޓަމަރުންނަށް ކަމަށް ބޭންކުން ބުންޏެވެ.
ލޯނަށް އަނބުރާ ފައިސާދެއްކުން ފަސްކުރުމަށް އިތުރު ފުރުސަތަކަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އަށެއް ސެޕްޓެމްބަރުން ފެށިގެން 30 ނޮވެމްބަރ ގެ ނިޔަލަށް ބޭންކުގެ ޕޯޓަލް މެދުވެރިކޮށް އެދި ހުށަހެޅޭނެ އެވެ.
ލޯނަށް އަނބުރާ ދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.